މިދިޔަ އަހަރުގެ ޖުލައި މަހު މާޒިޔާ ދަނޑު ސަރަހައްދުގައި ހިނގި މާރާމާރީއެއްގައި މަރާލި މ. ބިއުޓީފްލާވާ މުހައްމަދު ހުސެއިންގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށް، މެޑިކޯ ލީގަލް ރިޕޯޓް ނުލިބިގެން ކޯޓުން ދޫކޮށްލި، ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާ އެކު 13 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި ދިޔަ އަހަރު ޖުލައި 30ގައި މާޒިޔާ ދަނޑު ކައިރީގައި ހިނގި މާރާމާރީގައި މަރުވި މުހައްމަދު ހުސެއިންގެ މަރުގެ ތުހުމަތުގައި ފުލުހުން ތަހުގީގު ނިންމައި ޕީޖީ އަށް މިއަދު ފޮނުވި 13 މީހުންގެ ތެރޭގައި، މިދިޔަ މަހު 16 ވަނަ ދުވަހުގެ ރޭ މަރާލި ސ. ހިތަދޫ ވަރުދީގޭ، އަހުޝަން ބަޝީރު މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝަހުމް ވެސް ހިމެނޭ ކަމަށެވެ.

ޝަހުމް ދެ ވަނަ ފަހަރަށް ފުލުހުން ހައްޔަރު ކުރީ، މުހައްމަދު ހުސެއިންގެ މަރުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވަނިކޮށް، ހެލްތު މިނިސްޓްރީން ލިބެން ޖެހޭ މެޑިކޯ ލީގަލް ރިޕޯޓެއް ހަ މަސްވީ އިރު ވެސް ނުލިބިގެން ކޯޓުން އޭނާ ދޫކޮށްލާފައި ވަނިކޮށެވެ.

އަހުސަން ބަޝީރުގެ މައްސަލާގައި ފުލުހުން ޝަހުމް އަތުލައިގެންފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު މ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކުރެލީގައި ފިލައިގެން އުޅެނިކޮށެވެ.

ޝަހުމްއަކީ މާލޭތެރޭގައި މާރާމާރީ އާއި ވައްކަމާ ފޭރުން އިތުރުވެފައިވުމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މުޖަތަމައުއަށް "ނުރައްކާ ބޮޑު" ނުވަ މީހެއްގެ މައުލޫމާތު އާންމު ކުރި އިރު ހިމެނޭ މީހެއް ކަމަށް ފުލުހުން ބުނެފައިވާ މީހެކެވެ. އަދި އޭނާ އަކީ މީގެކުރިން ވެސް ތަފާތު ބޮޑެތި މައްސަލަތަކުގައި 11 ފަހަރެއްގެ މަތިން ހައްޔަރުކޮށް، ދެ މައްސަލައެއްގެ ދައުވާ ޕީޖީ އަށް ފޮނުވާފައިވާ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައި އެވެ.

މުހައްމަދު ހުސެއިން މަރުވީ މާޖިޔާ ދަނޑުގައި ފުޓް ބޯޅަ މެޗެއް ކުޅެ ނިންމާލި ތަނާ އެތަނަށް އައި ގްރޫޕަކުން ހިންގި މާރާމާރީއެއްގައި އޭނާގެ ކަނާތުފައިގެ ފަލަމަސްގަނޑަށް ވަރަށް ފުންކޮށް ވަޅިހަރާލާ ދިން ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.