މާލެއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ލިސްޓެއް ފޮނުވައި ދިނުމަށް ޗައިނާ ސަރުކާރުން އެދިއްޖެ އެވެ.
ވެރިރަށް މާލެއަށް ބޮޑުވެފައިވާ މައްސަލަތަކުގެ ލިސްޓެއް ބޭނުންވާ ކަމަށް ޗައިނާ ސަރުކާރުން ހާމަކުރީ ބެއިޖިންގެ މުނިސިޕަލް ގަވަރްމަންޓްގެ ފަރާތުން ރާއްޖެ ޒިޔާރަތްކުރި ވަފުދުގައި އިސްކޮށް ހުންނެވި ސީނިއާ އެޑްވައިޒާ ޓް ދަ މުނިސިޕަލް ގަވަމެންޓް އޮފް ބެއިޖިން މރ. ޔާން އަންޖިއާން މިއަދު ދެއްކެވި ވާހަކަފުޅެއްގަ އެވެ.

މާލޭގެ މޭޔަރު ސަރަނގު އާދަމް މަނިކާއި މާލޭ ސިޓީކައުންސިލްގެ މެމްބަރުންނާ އެކު ދަރުބާރު ގޭގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައި އަންޖިއާން ވިދާޅުވީ އާބާދީ އާއި ސައިޒްގެ ގޮތުން ބެއިޖިންއާއި މާލެއާ ދެމެދު ބޮޑެތި ތަފާތު ތަކެއް ހުރި ނަމަވެސް ދެ ސިޓީއަށް ވެސް ކުރިމަތިވެފައިވާ މައްސަލަތައް ވަރަށް އެއްގޮތް ކަމަށެވެ. އެހެން ކަމުން ޗައިނާއަށް ވަރަށް ގިނަ ކަންތައްތަކެއް މާލެއަށް ކޮށްދެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މާލެއަށް ދިމާވެފައިވާ މައްސަލަތަކުގެ ލިސްޓެއް ފޮނުވައިދިނުމަށް އަޅުގަނޑު އެދެން،" އަންޖިއާން ވިދާޅުވި އެވެ.

ތަރުޖަމާނެއްގެ އެހީގައި އޭނާގެ ވާހަފުޅުގައި ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ތަރައްގީ ކުރަން އަބަދުވެސް މަސައަކަތް ކުރައްވާނެ ކަމަށާއި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ޗައިނާއިން މާކެޓް ހޯދައި ދިނުމަށް ބެއިޖިންގެ މުނިސިޕަލް ގަވަރްމަންޓުން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"މަސްވެރިކަމުގެ އުފެއްދުން ތަކަށް ޗައިނާގައި ރަނގަޅު ޑިމާންޑެއް އޮވޭ. އެހެން ވީމާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާއަށް ތައާރަފު ކުރުމަކީ ރަނގަޅު ކަމެއް،" އަންޖިއާން ވިދާޅުވިއެވެ.

މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވީ ޗައިނާއިން އެދިވަޑައިގެންނެވި ލިސްޓް ވަރަށް އަވަހަށް ފޮނުއްވައި ދެއްވާނެ ކަމަށާއި އެފަދަ ލިސްޓަކަށް އެދިވަޑައިގަތް ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މާލެއަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެމައްސަލަ ތައް ހައްލު ކުރަން މާލޭ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ވަފުދެއް ބެއިޖިންއަށް ޒިޔާރަތް ކުރެއްވުމަށް މިއަދުގެ ބައްދަލު ވުމުގައި އަންޖިއާން ވަނީ ދައުވަތު ދެއްވާފަ އެވެ. އެ ދައުވަތު ގަބޫލުފުޅު ކުރައްވާ މާލޭ މޭޔާ ވިދާޅުވީ ވަރަށް އަވަހަށް މާލޭ ސިޓީ ކައުންސިލްގެ ދަތުރެއް ޗައިނާއަށް ކުރަން އުންމީދު ކުރައްވާ ކަމަށެވެ.