ގްރީސް އަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ފައިސާގެ އެހީތައް އެގައުމަށް ދިނުމަށް ގްރީސްގެ ބޮޑުވަޒީރު ޖޯޖް ޕަޕެންޑްރޫ އެދިވަޑައިގެންފި އެވެ.


ޕަޕެންޑްރޫ ވިދާޅުވީ އެގައުމުގެ އިގްތިސާދީ ހާލަތު، އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުންދާ ކަމަށާއި ގްރީސްއަށް އެހެން ގައުމުތަކުގެ އެހީތެރިކަން މިހާރު ބޭނުންވެފައިވާ ކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ނަމުގައި ޖަމާއަތެއް އުފައްދައި ހިންގަން ފެށީ ޔޫރަޕްގެ ގައުމުތަކުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ގޮތުން ކަމަށް ވެސް ޕަޕެންޑްރޫ ވިދާޅުވި އެވެ.


މީގެ އިތުރުން ގްރީސްގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފައިވަނީ އެގައުމަށް މިހާރު އެނޫން ގޮތެއް ނެތްކަމަށާއި ފާއިތުވި ދެހަފްތާގެ ތެރޭގައި ކަންބޮޑުވާން ޖެހޭ މިންވަރަށް އެ ގައުމު ދަރަނިވެރިވެފައިވާ ކަމަށެވެ. އަދި އެއީ ގްރީސްގެ ރައްޔިތުން ބޭނުންވާ ގޮތް ކަމުގައި ނުވިޔަސް މިހާލަތަށް ހައްލެއް ގެނެވެން އޮތީ ފައިސާގެ އެހީ އެހެން ގައުމުތަކުން ދީގެން ކަމަށް ވެސް އޭނާ ބުންޏެވެ.


މިއީ ފަހަކަށް އައިސް ގައުމެއްގެ މާލީ ހާލަތު މިހާ ފުން ވަޅުގަނޑަކަށް ވެއްޓުނު ފުރަތަމަ ފަހަރު އެވެ.