19 Jan 2016, 13:16
ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް 50 އަހަރަށް ދީފައިވާ މާފަންނު ސްޓޭޑިއަމް ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު މިއަދު "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މާފަންނު ސްޓޭޑިއަމްގެ ބޮޑު ބައެއް އޮތީ 50 އަހަރު ދުވަހަށް އެފްއޭއެމަށް ދީފައި ކަމަށެވެ. އަދި އެތަން އެފްއޭއެމްގެ އަތުން ނެގީ އެތަން ތަރައްގީ ކުރުމަށް އެއްވެސް މަސައްކަތެއް އެ އެސޯސިއޭޝަނުން ކޮށްފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސްޓޭޑިއަމަކީ ސްޓޭޑިއަމެއްގެ ގޮތުގައި ޑިޒައިން ކުރުމަށް ހަމަޖެހިފައި އޮތް ތަނެއް ކަމަށެވެ. ޒުހޫރު ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު ނިންމާފައި ވަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދު، ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރުމަށެވެ.
މާފަންނު ސްޓޭޑިއަމް މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު ޒުހޫރު "ސަން" އަށް އިންޓަވިއު ދެއްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު
"މިހާރު ސްޓޭޑިއަމް އަކީ ސްޓޭޑިއަމެއްގެ ގޮތުގައި ޑިޒައިން ކުރުމަށް ސަރުކާރުން ނިންމާފައި އޮތް ތަނެއް. އެއްވެސް ހާލަތެއްގައި ތިބުނުއްވާހެން އެކި ތަންކޮޅު ކޮޅަށް މީހުން އަރައިގެން ވަގުތީ ދާއިމީ އަކަށް ނޫން. އެކަމަކު އެގޮތަށް ވަގުތީ ދާއިމީ ވެގެން މިދަނީ އެތަން. ސަރުކާރުގެ ޕްލޭނުތައް އޮވެގެން ރަނގަޅަށް ޑިޒައިން ކުރެވުނު ތަނެއް މިއަދު، އެތަން ވެގެން ގޮސްފައި މިވަނީ އެކި ކޯނަރުތަކުގައި އެކި ކަހަލަ ބޭފުޅުން އެކި ކުޅިވަރު ކުޅޭ ތަނަކަށް،" ޒުހައިރު ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ ސްޓޭޑިއަމް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކަމަށެވެ. އެތަނުގައި މިހާރު އޮތް ޓާފް ދެ ދަނޑުގެ އިތުރުން އިތުރު ދެ ޓާފް ދަނޑު ހެދުމަށް ވަނީ ނިންމާފަ އެވެ. އަދި އޭގެތެރެއިން ދެ ދަނޑަކީ އިންޓަނޭޝަނަލް މެޗުތައް ވެސް ކުޅެވޭ ގޮތަށް ހަދާ ދެ ދަނޑެވެ. އަދި އާއްމުންނަށް ފުޓުބޯޅަ ކުޅެވޭ ގޮތަށް ވެސް ދެ ޓާފް ދަނޑު ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅެވެ.
ސަރުކާރުން މިހާރު ވަނީ ސްޓޭޑިއަމް ތަރައްގީ ކުރާނެ ގޮތުގެ ކުރެހުން ވެސް ތައްޔާރުކޮށް ނިންމާފަ އެވެ. ނަމަވެސް އެތަން ތަރައްގީ ކުރަން ފަށާނެ ސީދާ ދުވަހެއް މިނިސްޓަރު ޒުހޫރު ވިދާޅެއް ނުވެ އެވެ.
ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން މާލޭގައި އިތުރު ޓާފް ދަނޑެއް ގާއިމް ކުރުމަށް ޓަކައި ކުޅިވަރު އެކުވެނީގެ ތިން ނަންބަރު ދަނޑު 50 އަހަރުގެ މުއްދަތަށް އެފްއޭއެމްއަށް ދޫކުރުމަށް އެފްއޭއެމް އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ މޭ މަހުގެ 18ވަނަ ދުވަހު އެވެ.

ކުޅިވަރު އެކުވެނީގެ ތިން ނަންބަރު ދަނޑުގައި ޓާފްދަނޑެއް ގާއިމްކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް އިން އެއްބަސްވުން ބަދަލުކުރަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު
އެ މައްސަލައާ ގުޅޭ ގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް އާދިލް ޖަލީލް "ސަން" އަށް މިއަދު ވިދާޅުވީ މާފަންނު ސްޓޭޑިއަމްގެ ބައެއް އެފްއޭއެމަށް ތަަރައްގީ ކުރުމަށް މިދިޔަ އަހަރު އޭރުގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ހަވާލުކޮށްފައިވާ ކަމަށެވެ. ފީފާގެ ހިލޭ އެހީގެ ދަށުން އެތަނުގައި ޓާފް ދަނޑެއް އެޅުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދަނޑުގެ މަސައްކަތް ހަމަޖެހިގެން ދިޔައީ މިދިޔަ އަހަރުގެ މެދު ތެރޭގައި ކަމަށެވެ.
"އެ މަސައްކަތް ބަޔަކަށް އެވޯޑު ކުރެވި އެވޯޑު ކުރެވުނު ފަރާތުން ވަނީ މިކޮޅަށް [ރާއްޖެއަށް] ޝިޕް ކުރުމަށް ޓަކައި ނިންމާފައި. އެބޭފުޅުން އަޅުގަނޑުމެންނަށް އަންގާލީ އެބޭފުޅުން ޝިޕްކުރާ ތަކެތިން ޑިއުޓީ މައާފުކޮށްދޭ ލިޔުމެއް ތިމަންނަމެންނަށް ލިބިދާނެތޯ. ދެން ޔޫތު މިނިސްޓްރީއަށް އަޅުގަނޑުމެން ސިޓީއެއް ފޮނުވީމަ ޖަވާބަކަށް މިނިސްޓްރީން މި ބުނަނީ ދަނޑު މިއިންނަ މަގު ފުޅާ ކުރުމަށް ނިންމާފައިވާތީ ތި ޕްރޮޖެކްޓު ފަސްކޮށްލަދޭށޭ،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ޔޫތު މިނިސްޓްރީން އެހެން ބުނުމަށް ފަހު އެ މިނިސްޓްރީން އެފްއޭއެމްއާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓު ބާތިލު ކުރުމަށް ބޭނުންވާކަން ހާމަކުރި ކަމަށެވެ.
ސްޓޭޑިއަމް ސަރުކާރުން ތަރައްގީ ކުރާ ގޮތުގެ ކުރެހުން: ސަން ފޮޓޯ/ އަލީ ނަސީރު
"އެހެން ބުނެފައި މިބުނަނީ އެހެން ނިންމީ ދަނޑު ފުޅާކޮށްފި ނަމަ ދަނޑުގެ ބޮޑުބައެއް ގެއްލިގެންދާނޭ. އޭގެ މާނައަކީ މިހާރު އޮތް ޓާފް ދަނޑުގެ ވަރަށް ބޮޑު ބައެއް ދާނޭ. ދެން އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ޝަކުވާ ކުރިން. ބުނީމަ މިނިސްޓްރީން ބުނީ އެ ޓާފް ދަނޑު ފުޓްސަލް ދަނޑަކަށް ހަދާނީއޭ. އެއީ ސީދާ އަޅުގަނޑުމެންނަށް ދިން ޖަވާބު. ލިޔުމަކުންނެއް ނޫން. އަނގަބަހުން ދިން ޖަވާބު،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ސްޓޭޑިއަމްގެ ވަކި ބަޔަކީ ނުވަތަ ސްޓޭޑިއަމަކީ އެއްވެސް އިރެއްގައި އެފްއޭއެމްގެ ބެލުމުގެ ދަށުން ކުރިއަށްދާ ތަނެއް ނޫން ކަމަށާއި އެ އެސޯސިއޭޝަނަށް ސްޓޭޑިއަމް ލިބުނީ ތަރައްގީ ކުރުމަށް ކަމަށެވެ.