އެމެރިކާގެ މަޝްހޫރު މިއުޒިކް ބޭންޑް "ދަ އީގަލްސް"ގެ ގިޓާރިސްޓް ގްލެން ފްރައި މަރުވެއްޖެ އެވެ.

ދުނިޔޭގެ އެތައް ބައެއްގެ މެދުގައި މަޝްހޫރުކަން ހޯދި، އީގަލްސްގެ ލަވަ "ހޮޓެލް ކެލިފޯނިއާ"ގައި ވެސް ގިޓާ ކުޅުނު ގްލެން ފްރައި މަރުވެފައި ވަނީ އެތައް ބަލިތަކަކަށް ފަރުވާ ހޯދަމުން ދަނިކޮށް، ރޭގެ ވަގުތެއްގަ އެވެ. އޭނާ މަރުވި އިރު އުމުރަކީ 67 އަހަރެވެ.

އީގަލްސްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ގޮހޮރުގެ ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. އަދި ނިމިދޔަ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ގޮހޮރުގެ ސާޖަރީއެއް ވެސް ހަދާފައިވެ އެވެ.

ގްލެން ފްރައިއަކީ އީގަލްސް ބޭންޑުގެ އެއް ފައުންޑިންގް މެމްބަރު ވެސް މެ އެވެ.

ގިޓާ ކުޅުމުގެ އިތުރުން ފްރައި ވަނީ އީގަލްސްގެ ބައެއް ލަވަތަކަށް ޕިއާނޯ ވެސް ކުޅެދީފަ އެވެ. އަދި ބައެއް ލަވަތަކުގެ ވޯކަލް ވެސް އޭނާ ވަނީ އަދާ ކޮށްފަ އެވެ. ފްރައި ލީޑު ވޯކަލް ކިޔާފައިވާ ބައެއް ލަވަތަކުގެ ތެރޭގައި "ޓޭކް އިޓް އީޒީ"، "ޕީސްފުލް އީޒީ ފީލިންގ"، "ޓެކީލާ ސަންރައިޒް"، "ނިއު ކިޑް އިން ޓައުން" އަދި "ހާޓްއޭކް ޓުނައިޓް" ފަދަ ލަވަތައް ހިމެނެ އެވެ.