19 Jan 2016, 01:16
ޓެރަރިޒަމްގެ ކުށް ސާބިތުގެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފޮނުވުމުން، އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ޖޯން ކެރީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ބޭސްފަރުވާއަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ފޮނުވުމަށް ރައީސް ޔާމީން ނިންމެވި ނިންމެވުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
I welcome@PresidentYameen's decision to release@MohamedNasheedfor medical treatment in the United Kingdom.
— John Kerry (@JohnKerry)January 18, 2016
ބޭސްފަރުވާއަށް ރައީސް ނަޝީދު ދޫކޮށްލެވުމަކީ ދިވެހި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށާއި، ދިވެހިރާއްޖޭގައި ޑިމޮކްރަސީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގައި ދިވެހި ސަރުކާރުން އަދިވެސް އިތުރަށް އެއްބާރުލުން ދިނުމަށް ކެރީ ގޮވާލައްވާފައި ވެއެވެ.
މިރޭ ލަންކާ މަގުން އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން، ރައީސް ނަޝީދު ވަނީ، އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވައިގެން ޖޯން ކެރީއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވައިފައެވެ.
.@MohamedNasheedon a call with US Secretary of State John Kerry.@StateDept@NishaBiswal@USAmbKeshap.pic.twitter.com/5Wlm7nFocU
— Jared Genser (@JaredGenser)January 18, 2016
މައިބަދައިގެ އޮޕަރޭޝަނަކަށް ނަޝީދު މިރޭ އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފައި ވާއިރު، އެމަނިކުފާނުގެ ބޭސްފަރުވާއަށް އިނގިރޭސި ވިލާތުގައި ހުންނަވަން ސަރުކާރުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ބޭސްފަރުވާއަށް ފުރާވަޑައިގަތުމުގެ ކުރިން، ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ބޭބޭފުޅު އިބްރާހީމް ނާޝިދު ވަނީ ސަރުކާރުން އެދުނު ގޮތުގެ މަތީން ކަރެކްޝަނަލް ސާވިސް އިން އެންގި ލިޔުންތަކުގައި ސޮއިކުރައްވާފައެވެ. އެއީ ގައިދީއަކު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ކުރިން ސޮއިކުރަންޖެހޭ ލިޔުންތަކެކެވެ.