18 Jan 2016, 23:43
ޖުޑީޝަލް އެކަޑެމީ މިއަދު އިފްތިތާޙްކޮށްފި އެވެ.
މިއަދު ހެނދުނު ވިލިމާލޭގައި ހުންނަ ކުރީގެ ޖުޑީޝަލް ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖުޑީޝަލް އެކަޑެމީ އިފްތިތާހް ކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ސައީދުއާއި، އެމަނިކުފާނުގެ ދައުވަތަކަށް މިހާރު ރާއްޖެއަށް ވަޑައިގެންއުޅުއްވާ ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދުގެ ރައީސް، ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް އާންމު އަލްމުސްތަޝާރު މަޢާލީ އައްޝައިޚް ޔޫސިފް ބިން އަބްދުލްއަޒީޒް އަލްފައްރާޖް އެވެ.

ރާއްޖޭގެ ޖުޑީޝަލް އެކަޑެމީ އިފްތިތާހްކުރުން -- ފޮޓޯ: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ޖުޑީޝަލް އެކަޑެމީ އިފްތިތާހްކޮށްދެއްވައި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކައިގައި ޖުޑީޝަލް އެކަޑެމީ ހިންގުމަށް ބޭނުންވާ ފަންނީ އަދި މާއްދީ އެހީތެރިކަން ސައުދީ އަރަބިއްޔާއިން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ ޖުޑީޝަލް އެކަޑެމީ އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވާހަކަދައްކަވަނީ -- ފޮޓޯ: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
އޭގެ އިތުރުން ސައުދީގެ އިމާމް މުޙައްމަދު ބިން ސުޢޫދު ޔުނިވަރސިޓީގެ ފަނޑިޔާރުން ތަމްރީން ކުރާ މަރުކަޒުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުން ތަމްރީން ކުރުމަށް ފުރުސަތު ލިބިގެން ދިޔުމަކީ ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ހުވަފެނެއް ކަމުގައި ވިދާޅުވި އެވެ.
ސައުދީގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މަޢާލީ އައްޝައިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް ވަނީ އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވި ގޮތަށް ރާއްޖޭގެ ފަނޑިޔާރުންނާއި ފަނޑިޔާރުންނަށް އެހީތެރިވާ ފަރާތްތައް ތަމްރީން ކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ ޖުޑީޝަލް އެކަޑެމީ އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ސައޫދީގެ ޖަސްޓިސް މިނިސްޓްރީގެ ވަފުދުގެ ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
އޭގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ސައުދީގެ މިނިސްޓްރީ އޮފް ޖަސްޓިސްއާ ދެމެދު ދާދި އަވަހަށް އެމްއޯޔޫ އެއްގައި ސޮއިކުރެވިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.