18 Jan 2016, 21:28
ލ. ގަން ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާ 23، މަރާލާފައި ވަނީ ހ. ލާލުގޭގައި ހުސްކޮށް ހުންނަ ކޮޓަރިއެއްގައި ކަމަށް ކުރިން ހާމަކުރެވިފައި ވަނީ މަައުލޫމާތުގެ ކުށަކުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޒުހާ މަރާލާފައި ވަނީ ހ. ލާލުގޭގައި ނޫން ކަމަށާއި އޭނާ މަރާލާފައި ވަނީހ. ލާލުކުރީގައި ހުސްކޮށް ހުންނަ ކޮޓަރިއެއްގައި ކަމަށެވެ.
ފުލުހުން ވަނީ އެ ކުށަށް ހ. ލާލުގޭގެ ވެރިންގެ ކިބައިން މައާފަށް އެދިފަ އެވެ.
ޒުހާ މަރާލާފައި ވަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން ކަމަށާއި އެކަން ކުރި ކަމަށް ތުހުމަތު ކުރެވެނީ ބިދޭސީއަކު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޒުހާގެ މަރުގެ މައްސަލައިގައި ބަންގުލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށްފައިވާއިރު މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު ފުލުހުން ވަނީ ހަމަ އެ މައްސަލައިގެ ތުހުމަތުގައި 28 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުން ހައްޔަރު ކުރީ ޒުހާ އާންމުކޮށް ވަދެ ނުކުމެ އުޅޭ ހ. ޑްރޫމްގެއިން ނެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ދާދި ފަހުން ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ހައްވާ ޒުހާ މަރުވެފައި ވަނީ އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލުމުން ކަމަށެވެ.