އެމްއެމްއޭގެ ގަވަރުނަރުކަމުން ވަކިކުރަން ޖެހޭ ކަމަށް ބުނެ ފަޒީލު ނަޖީބުގެ މައްޗަށް އެމްޑީޕީން ކޮށްފައިވާ ހުރިހާ ތުހުމަތަކަށް ފަޒީލް ނަޖީބު ޖަވާބު ދެއްވާފައިވާ ކަމަށް އެ މައްސަލަ ބަލަމުން ގެންދާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބުނެފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު ރައްޔިތުންގެ މަޖިލީހަށާއި، މީޑިޔާގައި ހާމަކުރައްވާފައިވާ މައުލޫމާތުތަކަށް ރިފާ ކުރައްވައި ގަވަރުނަރު ކަމުގެ މަގާމުން ފަޒީލް ނަޖީބު ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެދި ހުށަހެޅުއްވުމުން އެ މައްސަލަ ދިރާސާ ކުރުމަށް ހުސްވި މަހު 29 ގައި ފޮނުވާފައި ވަނީ މާލިއްޔަތު ކޮމިޓީ އަށެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް އިއްޔެ ވިދާޅުވީ، ފަޒީލް ނަޖީބުގެ މައްޗަށް އެމްޑީޕީން ކޮށްފައިވާ ހުރިހާ ތުހުމަތުތަކަކަށް ސީދާ ފަޒީލް ނަޖީބުގެ ފަރާތުންނާއި އެމްއެމްއޭ އިން ބޭނުންވާ ހުރިހާ މައުލޫމާތެއް މާލިއްޔަތު ކޮމިޓީ އަށް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމްއެމްއޭގެ ގާނޫނާ ހިލާފަށް ފަޒީލް ނަޖީބު އިނގިރޭސިވިލާތުގައި ކިޔަވާ ވިދާޅުމުން ގެންދަވާ ކަމަށް ކުރައްވާފައިވާ ތުހުމަތުތަކަށް ދެއްވާފައިވާ ޖަވާބު ހިމެނޭ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަ ބެލުމުމުގެ މަސައްކަތް ކޮމިޓީގެ ސިއްރު ޖަލްސާއަކުން ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ އެ ކަންކަމާ ބެހޭ އިތުރު ތަފްސީލެއް ނާޒިމް ނުދެއްވަ އެވެ.

ފަޒީލް ނަޖީބު އެމްއެމްއޭގެ ގާނޫނާ ހިލާފްވެވަޑައިގެންފައިވާ ކަމަށާއި، އޭނާ އަށް ގަވަރުނަރުކަމުގެ ޒިންމާ އަދާ ނުކުރެއްވޭކަމަށް ވިދާޅުވެ މާޗް މަހު ކުރީ ކޮޅު އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވުމަށް ފަހު މޫސާ މަނިކު ނެރުއްވާފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގަވަރުނަރަކަށް ހުންނަ ބޭފުޅަކީ އިތުރު ވަޒީފާއެއް ނުވަތަ މަގާމެއް އަދާނުކޮށް ހަމައެކަނި އޮތޯރިޓީގެ މަސައްކަތަށް ޚާއްސަވެގެން ހުންނަ ބޭފުޅަކަށް ވުމަށް އެމްއެމްއޭގެ ގާނޫނު ލާޒިމް ކުރާ ކަމަށެވެ. ނަމަވެސް ފަޒީލް ނަޖީބު އިނގިރޭސިވިލާތުގައި ކިޔަވާ ވިދާޅުމުން ގެންދަވާތީ، ގިނަ ވަގުތު ހޭދަކުރައްވަނީ ރާއްޖެ އިން ބޭރުގައިކަން ފާހަގަކުރެވޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ. އަދި އެމްއެމްއޭ ބޯޑުގެ ޗެއާމަންގެ ހައިސިއްޔަތުން ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ އިރު އެކަން އެގޮތަށް ނުކުރައްވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ސަރުކާރަށް ލަފާދެއްވަން، ޤާނޫނުގައި ގަވަރުނަރަށް ލާޒިމު ކުރި ނަމަވެސް ސަރުކާރަށް ލިބެންވާ ލަފަ އާއި އިރުޝާދު، ފަޒީލު ނަޖީބުގެ ފަރާތުން ލިބެމުން ނުދާކަން ވެސް އެ ބަޔާނުގައިވެ އެވެ. އެހެންކަމުން ފަޒީލް ނަޖީބަށް ގަވަރުނަރު ކަމުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރަމުން ނުގެންދަވާތީ، ގަވަރުނަރު ކަމުން ވަކި ކުރުމަށް އެދި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަޤާމަށް ފަޒީލް ނަޖީބު އައްޔަން ކުރެއްވީ22 އޮކްޓޯބަރު 2008 ގަ އެވެ.