ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއާޕޯޓަށް ގެންގޮސްފި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުހުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ކުރިން ސޮއިކުރަންޖެހޭ ލިޔުންތަކުގައި ނަޝީދާއި އެމަނިކުފާނުގެ އާއިލާއިން ސޮއިކުރެއްވުމާ ގުޅިގެން އެމަނިކުފާނު އެއާޕޯޓަށް ގެންގޮސްފައި ވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ފުރާވަޑައިގަންނަވާނީ މިރޭ 9:05 ގައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުންނެވެ. އެމަނިކުފާނު ޔޫކޭއަށް ވަޑައިގަންނަވާނީ ލަންކާ މަގުންނެވެ.

ބޭސް ފަރުވާއަކަށް ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ފުރުމަށް ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ކުރިން ސޮއިކުރަންޖެހޭ ލިޔުންތަކުގައި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެމަނިކުފާނުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު އެވެ.

އެ ލިޔުމުގައި ރައީސް ނަޝީދު އެއްބަސްވެފައިވާ ކަންތައް

  • ރާއްޖެއިން ބޭރަށް ދިޔުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި އެދިޔަ ގައުމެއްގައި ހުންނަތަނުގެ އެޑްރެސް އަދި ފޯނު ނަންބަރު ކަރެކްޝަނަލް ސާވިސް އަށް އެންގުމަށް.
  • ރާއްޖޭއިން ބޭރުގައި ހުންނަ އެޑްރެސް ބަދަލުވެއްޖެނަމަ އެކަން ކަރެކްޝަނަލް ސާވިސް އަށް އެންގުމަށް.
  • ފަރުވާކުރުމުގެ މުއްދަތު 30 ދުވަހަށްވުރެ ދިގުވާނަމަ، ފަރުވާދެއްވާ ޑޮކްޓަރުގެ ލިޔުމެއް ހޯއްދަވައި އެ ލިޔުން ކަރެކްޝަނަލް ސާވިސްއަށް ފެކްސް މެދުވެރިކޮށް ފޮނުވައި ކަރެކްޝަނަލް ސާވިސްގެ ހުއްދަ ހޯދުމަށް.
  • ފަރުވާ ފުރިހަމަ ކުރެއްވުމަށްފަހު މާލެ އަންނަން ގަސްދުކުރާ ފްލައިޓު ނަންބަރާއި ގަޑި އާއި ތާރީޚު ކަރެކްޝަނަލް ސާވިސް އަށް އެންގުމަށް.
  • ރާއްޖެއިން ބޭރަށް ފުރާ ދުވަހުން ފެށިގެން ހުކުމް މެދުކެނޑޭ ކަމާއި އަދި އެނބުރި ކަރެކްޝަނަލް ސާވިސްއާ ހަވާލުވާ ދުވަހުން ފެށިގެން ހުކުމް ތަންފީޒު ކުރަން ފެށޭނެކަމަށް.

ރައީސް ނަޝީދުގެ ބޭބޭފުޅު އިބްރާހީމް ނާޝިދު ސޮއިކުރެއްވި ލިޔުމުގައި އޭނާ ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ރައީސް ނަޝީދު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އެކަން ލަސްނުކޮށް ކަރެކްޝަނަލް ސާވިސް އަށް އަންގާނެ ކަމަށާއި އަދި ނާޝިދުގެ އިހުމާލުން ރައީސް ނަޝީދު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އެކަމުގެ ޒިންމާ އަމިއްލަފުޅަށް ނަންގަވާނެ ކަމަށް އިގުރާރުވެފައެވެ.