ބޭސްފަރުވާކުރުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު ފުރާވަޑައިގަތީ މިރޭ 9:15 ގައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ ސާޖަރީއެއް ހެދުމަށްޓަކައި ކަމަށެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ބޭބޭފުޅު އިބްރާހީމް ނާޝިދު ވެސް ވަނީ ކަރެކްޝަނަލް ސާވިސް އިން އެންގި ލިޔުންތަކުގައި ސޮއިކުރައްވާފައެވެ. އެއީ ގައިދީއަކު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ކުރިން ސޮއިކުރަންޖެހޭ ލިޔުންތަކެކެވެ.

އެ ލިޔުމުގައި ރައީސް ނަޝީދު އެއްބަސްވެފައިވާ ކަންތައް

  • ރާއްޖެއިން ބޭރަށް ދިޔުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި އެދިޔަ ގައުމެއްގައި ހުންނަތަނުގެ އެޑްރެސް އަދި ފޯނު ނަންބަރު ކަރެކްޝަނަލް ސާވިސް އަށް އެންގުމަށް.
  • ރާއްޖޭއިން ބޭރުގައި ހުންނަ އެޑްރެސް ބަދަލުވެއްޖެނަމަ އެކަން ކަރެކްޝަނަލް ސާވިސް އަށް އެންގުމަށް.
  • ފަރުވާކުރުމުގެ މުއްދަތު 30 ދުވަހަށްވުރެ ދިގުވާނަމަ، ފަރުވާދެއްވާ ޑޮކްޓަރުގެ ލިޔުމެއް ހޯއްދަވައި އެ ލިޔުން ކަރެކްޝަނަލް ސާވިސްއަށް ފެކްސް މެދުވެރިކޮށް ފޮނުވައި ކަރެކްޝަނަލް ސާވިސްގެ ހުއްދަ ހޯދުމަށް.
  • ފަރުވާ ފުރިހަމަ ކުރެއްވުމަށްފަހު މާލެ އަންނަން ގަސްދުކުރާ ފްލައިޓު ނަންބަރާއި ގަޑި އާއި ތާރީޚު ކަރެކްޝަނަލް ސާވިސް އަށް އެންގުމަށް.
  • ރާއްޖެއިން ބޭރަށް ފުރާ ދުވަހުން ފެށިގެން ހުކުމް މެދުކެނޑޭ ކަމާއި އަދި އެނބުރި ކަރެކްޝަނަލް ސާވިސްއާ ހަވާލުވާ ދުވަހުން ފެށިގެން ހުކުމް ތަންފީޒު ކުރަން ފެށޭނެކަމަށް.

ރައީސް ނަޝީދުގެ ބޭބޭފުޅު އިބްރާހީމް ނާޝިދު ސޮއިކުރެއްވި ލިޔުމުގައި އޭނާ ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ރައީސް ނަޝީދު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އެކަން ލަސްނުކޮށް ކަރެކްޝަނަލް ސާވިސް އަށް އަންގާނެ ކަމަށާއި އަދި ނާޝިދުގެ އިހުމާލުން ރައީސް ނަޝީދު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އެކަމުގެ ޒިންމާ އަމިއްލަފުޅަށް ނަންގަވާނެ ކަމަށް އިގުރާރުވެފައެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދު ރޭގެވަގުތެއްގައި ވެސް ލިޔުންތަކުގައި ސޮއިކުރެއްވި ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ކުރިމަތީގައި އެ ލިޔުންތައް ވީދާލާފައިވާ ކަމަށެވެ.