18 Jan 2016, 19:43
ދިވެހި ނޫސްވެރިންނަށް އަމާޒުކޮށްގެން ސައިރިކްސް ކޮލެޖުން ކުރިއަށް ގެންދިޔަ "ރިފްރެޝަރ ވޯކްޝޮޕް" މިއަދު ނިންމާލައިފި އެވެ.
އެ ކޮލެޖްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ފުރަތަަމަ ހަރަކާތުގެ ގޮތުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި 11 ނޫސްވެރިޔަކު ބައިވެރިވެ، ވަނީ ވޯކްޝޮޕް ފުރިހަމަ ކޮށްފަ އެވެ.
ދެ ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕް ނިންމުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު އެވެ.

ސައިރިކްސް ކޮލެޖުން ނޫސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ރިފްރެޝަރ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު -- ފޮޓޯ: ސައިރިކްސް ކޮލެޖް
މިއަދުގެ އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޝަހީބު ދެއްކެވި ވާހަކައިގައި ނޫސްވެރިންނަށް، ނޫސްވެރިކަމާ ގުޅުންހުރި ތަފާތު ދާއިރާތަކުން ތަމުރީނުގެ ފުރުސަތު ލިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވަނީ ވާހަކަދައްކަވާފަ އެވެ.

ސައިރިކްސް ކޮލެޖުން ނޫސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ރިފްރެޝަރ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ޝަހީބު ވާހަކަދައްކަވަނީ -- ފޮޓޯ: ސައިރިކްސް ކޮލެޖް
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮލެޖުގެ ވައިސް ރެކްޓަރ އަހްމަދު ޝާހިދު ވިދާޅުވީ، މިފަދަ ތަމްރީނު ތަކުގެ ސަބަބުން އިޖްތިމާއީ މައްސަލަތައް މިހާރަށްވުރެ ބޮަޑަށް ދެނެގަތުމާއި ރިޕޯޓްކުރުމާއި އަދި ހައްލު ހޯދުމަށް މަގުފަހިވެގެން ދިޔުމުގެ އިތުރުން، ތަމްރީނުގެ ބައިވެރިންގެ މަސައްކަތުގެ ފަންނީ ފެންވަރު އިތުރަށް ރަގަޅުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރާއްޖޭގެ އެކި މީޑިއާ ތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނާ އެކު ކުރިއަށް ދިޔަ ވޯކްޝޮޕްގައި މުޖުތަމައުގެ މައްސަލަތައް ދެނެގަތުމާއި، ދިރާސާކުރުމާއި އަދި ރިޕޯޓްކުރުމުގައި ބޭނުންވާނެ މުހިއްމު މައުލޫމާތު ވަނީ ބައިވެރިންނަށް ފޯރުކޮށްދީފަ އެވެ.
އެގޮތުން، އިޖްތިމާއީ އިލްމުގެ ދާއިރާއާއި، އިންސާނީ ހައްގުތަކާއި، ދިރާސާކުުރުމާއި މުއާމަލާތުކުރުމުގެ ހުނަރުތައް ފަަދަ ނޫސްވެރިކަމުގެ މަސައްކަތަށް މުހިންމު ދާއިރާތަކުން ބައިވެރިންނަށް ބޭނުންތެރި މައުލޫމާތާއި ހުނަރުތައް ކިޔަވައިދީފައިވެ އެވެ.