ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ކުރިން ސޮއިކުރަންޖެހޭ ލިޔުންތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އާއިލާއިން ސޮއިކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ސަން އަށް ވިދާޅުވީ ރައީސް ނަޝީދުގެ އާއިލާގެ ފަރާތުން އެ ލިޔުމުގައި ސޮއިކުރައްވާފައި ވަނީ އެމަނިކުފާނުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު ކަމަށެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ސޮއިކުރެއްވި ލިޔުން ހޯމް މިނިސްޓަރު އުމަރު ވަނީ މިއަދު ޓްވީޓެއް ކުރައްވާފައެވެ.

އެ ލިޔުމުގައި ރައީސް ނަޝީދު އެއްބަސްވެފައިވާ ކަންތައް

  • ރާއްޖެއިން ބޭރަށް ދިޔުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި އެދިޔަ ގައުމެއްގައި ހުންނަތަނުގެ އެޑްރެސް އަދި ފޯނު ނަންބަރު ކަރެކްޝަނަލް ސާވިސް އަށް އެންގުމަށް.
  • ރާއްޖޭއިން ބޭރުގައި ހުންނަ އެޑްރެސް ބަދަލުވެއްޖެނަމަ އެކަން ކަރެކްޝަނަލް ސާވިސް އަށް އެންގުމަށް.
  • ފަރުވާކުރުމުގެ މުއްދަތު 30 ދުވަހަށްވުރެ ދިގުވާނަމަ، ފަރުވާދެއްވާ ޑޮކްޓަރުގެ ލިޔުމެއް ހޯއްދަވައި އެ ލިޔުން ކަރެކްޝަނަލް ސާވިސްއަށް ފެކްސް މެދުވެރިކޮށް ފޮނުވައި ކަރެކްޝަނަލް ސާވިސްގެ ހުއްދަ ހޯދުމަށް.
  • ފަރުވާ ފުރިހަމަ ކުރެއްވުމަށްފަހު މާލެ އަންނަން ގަސްދުކުރާ ފްލައިޓު ނަންބަރާއި ގަޑި އާއި ތާރީޚު ކަރެކްޝަނަލް ސާވިސް އަށް އެންގުމަށް.
  • ރާއްޖެއިން ބޭރަށް ފުރާ ދުވަހުން ފެށިގެން ހުކުމް މެދުކެނޑޭ ކަމާއި އަދި އެނބުރި ކަރެކްޝަނަލް ސާވިސްއާ ހަވާލުވާ ދުވަހުން ފެށިގެން ހުކުމް ތަންފީޒު ކުރަން ފެށޭނެކަމަށް.

ރައީސް ނަޝީދުގެ ބޭބޭފުޅު އިބްރާހީމް ނާޝިދު ސޮއިކުރެއްވި ލިޔުމުގައި އޭނާ ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ރައީސް ނަޝީދު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އެކަން ލަސްނުކޮށް ކަރެކްޝަނަލް ސާވިސް އަށް އަންގާނެ ކަމަށާއި އަދި ނާޝިދުގެ އިހުމާލުން ރައީސް ނަޝީދު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އެކަމުގެ ޒިންމާ އަމިއްލަފުޅަށް ނަންގަވާނެ ކަމަށް އިގުރާރުވެފައެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދު ރޭގެވަގުތެއްގައި ވެސް ލިޔުންތަކުގައި ސޮއިކުރެއްވި ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ކުރިމަތީގައި އެ ލިޔުންތައް ވީދާލާފައިވާ ކަމަށެވެ.

އުމަރު ވިދާޅުވީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާއިން ލިޔުންތަކުގައި ސޮއިކުރުމުން ރައީސް ނަޝީދަށް ރާއްޖެއިން ބޭރަށް ދިޔުމަށް އެއްވެސް ހުރަހެއް މިހާރު ނެތްކަމަށެވެ.

"ނަޝީދަށް މިހާރު ރާއްޖެއިން ބޭރަށް ދެވޭނެ،" އުމަރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރައީސް ނަޝީދު ވަޑައިގަންނަވަނީ އިގިރޭސިވިލާތަށް ކަމަށާއި އެއީ ސާޖަރީއެއް ހެދުމަށްޓަކައި ކުރާ ދަތުރުފުޅެއް ކަމަށެވެ.