ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު އައިޖީއެމްއެޗްގައި އޮޕަރޭޝަންކޮށްފައި އޮއްވާ ފިލާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕެނިޑެންޝަރީ އެންޑް ރިހެބިލިޑޭޝަން ސާވިސަސް ]ޑީޕީއާރްއެސް[ ބުނެފި އެވެ.

ޑީޕީއާރްއެސްގެ ޑިރެކްޓާ ޖެނަރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދެމުންދަނިކޮށް ގައިދީއަކު ފިލާފައިވާ މައްސަލައެއް ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލައިގެ "ހާދިސާ ރިޕޯޓް" ލިބުމުން އެކަމުގައި ޑީޕީއާރްއެސްގެ ސެކިއުރިޓީ ބެލެހެއްޓި އޮފިޝަލުންގެ އިހްމާލެއް ވޭތޯ ބައްލަވާނެ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

ފިލައި ރައްކާވި ގައިދީގެ ވަނަވަރާއި ތަންފީޒު ކުރަމުންދިޔަ ހުކުމުގެ ބާވަތް ރަޝީދު ވިދާޅެއް ނުވި އެވެ.
"ބޭސް ފަރުވާއަށް އެޑްމިޓްކޮށްފައި އޮތް މީހެއް ކަމަށްވަނީ. އޭނާ ބާއްވާފައި އޮތީ އައިޖީއެމްއެޗްގެ އާންމުން ބާއްވާފައިވާ ވޯޑެއްގައި. ހާދިސާ ރިޕޯޓް ލިބުމުން އަޅުގަނޑުމެން ބަލާނަން އެއީ ޑީޕީއާރްއެސްގެ ސެކިއުރިޓީ މައްސަލައެއްތޯ،"

އައިޖީއެމްއެޗުން ބުނީ އެ މީހާ ފިލާފައި ވަނީ އޮޕަރޭޝަނެއްކޮށް، އެޑްމިޓްކޮށްފައި އޮންނަތާ ހަތަރު ދުވަސް ފަހުން ކަމަށެވެ. އަދި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:00 ޖެހިއިރު އޭނާ ފިލާފައިވާއިރު، އައިޖީއެމްއެޗްގެ ކެމެރާތަކުގެ ވީޑިއޯތައް ކަމާބެހޭ ފަރާތަކަށް ބޭނުންވެއްޖެ ހިދެއްގައި ހުށަހަޅާނެ ކަމަށެވެ.

މިދިއަ މާޗް މަހުގެ ކުރީގެ ކޮޅު ވެސް، މީގެ 25 އަހަރު ކުރިން ފެށިގެން ތަފާތު އެކި ކުށްތަކުގައި ޖަލު ހުކުމްތައް ތަންފީޒުކުރަމުންދިޔައ ބޮޑު ކުށްވެރިއަކު، އައިޖީއެމްއެޗްގައި އެޑްމިޓްކޮށް އޮޕަރޭޝަނަކަށް ތައްޔާރުވެފައި ވަނިކޮށް ވަނީ ފިލައިގެން ގޮސްފަ އެވެ.