ސަން އޮންލައިންގެ ޓުވިޓާ އެކައުންޓް "ސަން ބްރޭކް"ގެ ނަމުގައި ފޭކް ޓުވިޓާ އެކައުންޓެއް ހަދައި ޓުވީޓް ކުރަމުންދާ ކަމަށް ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވެއްޖެ އެވެ.

ސަން ބްރޭކްގެ ނަމުގައި ޓުވީޓް ކުރަމުންދާ އެ އެކައުންޓުގައި ސަންގެ އޮފިޝަލް އެކައުންޓުގައި ލިޔެފައިވާ ގޮތާ ހިލާފަށް އެކައުންޓުގެ ނަމަކަށް ބޭނުންކޮށްފައި ވަނީ (sunbrrk@) އެވެ. ސަން އޮންލައިންގެ ރަސްމީ ޓުވިޓާ އެކައުންޓުގެ ނަމަކަށް ބޭނުންކުރަމުންދަނީ (sunbrk@) އެވެ.

ސަން އޮންލައިންގެ ނަމުގައި ފޭކް އެކައުންޓެއް ހަދައި ޓުވީޓް ކުރަމުން ދިއުމަކީ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސަންގެ ޗީފް އެޑިޓަރު ހިރިގާ ވަނީ ސިފަކުރައްވައިފަ އެވެ. ހިރިގާ ވިދާޅުވީ ސަންގެ ރަސްމީ ޓުވިޓާ އެކައުންޓް (sunbrk@) ފިޔަވައި އެހެން އެއްވެސް އެކައުންޓަކުން ސަން އޮންލައިންގެ ހަަބަރެއް ސަންގެ ފަރާތުން ޓުވީޓް ކުރަމުން ނުދާނެ ކަމަށެވެ.

ސަންގެ ކިޔުންތެރިންނަށް އޮޅުވާލުމަށް ފޭކް އެކައުންޓް ހަދައިގެން ޓުވީޓް ކުރާކަމީ ހިތާމަކުރާ ކަމެއް ކަމަށް ހިރިގާ ވިދާޅުވި އެވެ. އަދި އެ އެމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވި އެވެ. އަދި އެ ފޭކް އެކައުންޓުން ކުރަމުންދާ ޓުވީޓްތަކަށް ކިޔުންތެރިން ސަމާލުވުމަށް ހިރިގާ އިލްތިމާސްކުރެއްވި އެވެ.