18 Jan 2016, 16:36
ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާ 10 ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުނު އިރު ފޯވާޑް ލިއޮނަލް މެސީ އަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށް ބާސެލޯނާ އިން ބުނެފިއެވެ.
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އިން އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްނިމެނި ކޮށް މެސީ ބަދަލުކޮށްފައިވާ އިރު ބާސާގެ ކޯޗު ލުއިސް އެންރިކޭ ބުނީ މެސީގެ ފަލަ މަސްގަޑަށް ކުޑަކޮށް ތަދުވެފެއިވާ ކަމަށާއި ނަމަވެސް އޭނާ އަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށެވެ.
"މެސީގެ ކަނާތު ފަލަމަސްގަޑަށް ކުޑަކޮށް ތަދުވާތީވެ އުޅުނީ. ނަމަވެސް އެނާ އަށް މާބޮޑު އަނިޔާ އެއް ނުވެ. މެސީ ބަދަލުކުރީ ކުރިއަށް މުހިންމު މެޗުތަކެއް ހުރުމުން ރިސްކެއް ނަގަން ބޭނުން ނުވާތީވެ،" އެންރިކޭ ބުންޏެވެ.
އޭނާ ބުނީ ބުދަ ދުވަހު ސްޕެނިޝް ކަޕްގައި އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ނުކުންނައިރު އެ މެޗުގައި މެސީ އަށް ކުޅެވޭނެ ކަމަށާއި އޭނާ މިހާރު ވެސް ހުރީ ފިޓް ކޮށް ކަމަށެވެ.
އެ މެޗުގެ ދެވަނަ ހާފްގެ 70 ވަނަ މިނެޓްގައި ޑިފެންޑަރު ޖޯޑީ އަލްބާ އަށް އަނިޔާވެ އޭނާ ބަދަލުކޮށްފައިވާ އިރު އޭނާގެ ފަލަ މަސްގަޑަށް އަނިޔާވެ ކުޅުމުގެ ތެރެއަށް އެންމެ އަވަހަށް ވެސް އާދެވޭނީ ދިހަ ދުވަސް ފަހުން ކަމަށް އެންރިކޭ ބުންޏެވެ.