18 Jan 2016, 14:47
(14 ޖެނުއަރީގެ އަދަދާ ގުޅޭ)
ޢިލްމީ ޙައިޘިއްޔަތުން ބަލާއިރު،أمّ المؤمنينގެ ދަރަޖަ މަތިވެރިވެފައިވަނީ، ހަމައެކަނި ޢާއްމު އަންހެނުންގެ މައްޗަކަށް ނޫނެވެ. އަދި ކީއްތޯއެވެ؟ ޞަޙާބީންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ދާދި މަދު ބޭކަލަކު ފިޔަވައި، އެހެނިހެން ހުރިހާ ޞަޙާބީންގެ މައްޗަށްވެސްމެއެވެ.
ޞަޙީޙު ތިރްމިޛީގައިأبوموسى الأشعرى رضى اللّـه عنــهވިދާޅުވިކަމަށް ރިވާވެފައިވެއެވެ. "އަހަރެމެން ޞަޙާބީން ދީނުގެ އުނދަގޫ މައްސަލައެއް ކުރިމަތިވެގެންعائشةގެފާނުގެ އަރިހަށް ހުށަހަޅައިފިނަމަ، އެކަމަނާ އެކަމަށް އިތުރު ތަފްޞީލުތައް ނުދެއްވާ އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެއެވެ."
الإمام زهرىވިދާޅުވެފައިވެއެވެ. "عائشةއަކީ ހުރިހާ އެންމެންނަށްވުރެ މަތިވެރި ޢާލިމާއެކެވެ. ޞަޙާބީންގެ ވަރަށްމަތީ ދަރަޖައިގެ ބޭކަލުން އެކަމަނާގެ އަރިހުން މައްސަލަތައް އޮޅުންފިލުއްވައެވެ.
عبدالرّحمن بن عوف رضى اللّـه عنــهގެ ދަރިކަލުންأبو سلمةވިދާޅުވެފައިވެއެވެ. "މާތް ނަބިއްޔާގެ ޙަދީޘުފުޅުތަކާއި ފިޤުހު ޢިލްމާއި ޤުރްއާނުގެ ޢިލްމުތަކަށްعائشةގެފާނަށްވުރެ ބޮޑަށް ވަދެހުންނެވި އެއްވެސް ޢިލްމުވެރިޔަކު އަހުރެން ނުދެކެމެވެ."
ޞަޙާބީންގެ ޢިލްމުވެރިންގެ ތެރެއިންأمير المؤمنين عمر رضى اللّـه عنــهއާއި،أمير المؤمنين على رضى اللّـه عنــهއާއި،عبد اللّـه بن مسعود رضى اللّـه عنــهއާއި،عبد اللّـه بن عبّاس رضى اللّـه عنــهއާއި،عبد اللّـه بن عمر رضى اللّـه عنــهގެ ލިސްޓުގައިأمّ المؤمنينގެ ނަންފުޅު ލިޔެލެވިދާނެއެވެ.
މަޝްހޫރު ތާބިޢީ ބޭކަލެއްކަމުގައިވާمسروق رحـمـهاللّـهވިދާޅުވެފައިވެއެވެ. މާތްاللّـهގަންދެއްވަމެވެ. ޞަޙާބީންގެ ތެރެއިން ކުރިޔަށް ތިއްބެވި ބޮޑެތި ބޭބޭކަލުންأمّ المؤمنين عائشة رضى اللّـه عنــهاގެ އަރިހުން ފަރާއިޟު ޢިލްމުގެ މައްސަލަތައް އޮޅުންފިލުއްވާތީ އަހަރެން ދުށީމެވެ.
عروة بن الزّبيـر رحـمـه اللّـهވިދާޅުވެފައިވެއެވެ.علوم القرآنއާއި،علم الفرائضއާއި،حرام حلالގެ މައްސަލަތަކަށްعائشةގެފާނަށްވުރެ ކުޅަދާނަ ޢިލްމުވެރިޔަކު އަހަރެން ދެކެފައެއް ނުވެއެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنــهاވަނީ ކައުސާހިބާصلّى اللّـه عليه وسلّمގެ 2210 ޙަދީޘު ރިވާކުރައްވައިފައެވެ. އޭގެތެރެއިން 286 ޙަދީޘު ބުޚާރީއާއި މުސްލިމުގައިވެއެވެ. 174 ޙަދީޘާމެދު ދެ އިމާމުންވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.
أمّ المؤمنينއަކީ ތާރީޚާއި، އަދަބިއްޔާތާއި، ޅެންވެރިކަމާއި ބޭސްވެރިކަމުގައިވެސް ފާހަގަކޮށްލެވޭ ޢާލިމާއެކެވެ.
ދީލަތިފުޅުކަން
أمّ المؤمنين السّيّدة عائشة رضى اللّـه عنــهاގެ ރީތި ޚުލުޤުފުޅުތަކުގެ އެންމެ ފާންކަން ގަދަ ބާބަކީ، އެކަމަނާގެ ޠަބީޢީ ދީލަތިފުޅުކަމެވެ.عبد اللّـه بن الزّبير رضى اللّـه عنــهވިދާޅުވެފައިވެއެވެ.أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއާއިالسّيّدة أسماء بنت أبىبكر رضى اللّـه عنــهاއާ ދެބީނުންނަކީވެސް ވަރަށް ދީލަތިފުޅު ދެބީނުންނެވެ. އެ ދެބީނުންނަށް ލިބިވަޑައިގަންނަވާ ހުރިހާ އެއްޗެހިކޮޅުތަކެއް، މާތްاللّـهގެ މަގުގައި ޚަރަދުކުރައްވައި ހުސްކޮށްލައްވައެވެ. ދެބީނުންގެ ތަފާތަކީأمّ المؤمنينއެކަމަނާއަށް ލިބިވަޑައިގަންނަވާ ކުދިކުދި އެތިއެތިކޮޅު ޖަމާކުރައްވައި އެއްކުރައްވައެވެ. އެކަށީގެންވާ އަދަދެއް ޖަމާކުރެއްވޭއިރަށް، އަވަސްއަވަހަށް ޞަދަޤާތްކޮށްލައްވައެވެ.أسماءހައްދަވާގޮތަކީ، އެއްޗެއް ހަމަ ލިބިވަޑައިގަތުމާއެކު، މާތްاللّـهގެ މަގުގައި ޚަރަދުކޮށްލެއްވުމެވެ.أمّ المؤمنينމާތްاللّـهގެ މަގުގައި ޚަރަދުކުރެއްވުމަށްޓަކައި ވަރަށްގިނަފަހަރަށް ދަރަންޏަށްވެސް ތަކެތި ނަންގަވައެވެ. އެއްފަހަރަކު އެކަމަނާއާ ސުވާލު ކުރެވުނެވެ. ފަޤީރުންނަށާއި މިސްކީނުންނަށް ޚަރަދުކުރެއްވުމަށްޓަކައި ދަރަނި ނަންގަވަނީ ކީއްވެގެންތޯއެވެ؟أمّ المؤمنينވިދާޅުވިއެވެ. މީހަކު ދަރަންޏަށް އެއްޗެއް ނަގާއިރު، އެ ދަރަނި އަދާކުރުމުގެ ނިޔަތް އޮތްކަމުގައިވާނަމަ، އަރަހުށި މާތްاللّـهއެމީހަކަށް މަދަދުކުރައްވާނެއެވެ. އަހަރެން ހޯދަނީ އެކަލާނގެ ޢިނާޔަތާއި މަދަދެވެ.
عروة بن الزّبير رحـمه اللّـهވިދާޅުވިއެވެ.أمّ المؤمنينއަށް އެއްފަހަރަކު ހަތްދިހަހާސް ދިރުހަމް ލިބިވަޑައިގެންނެވުމުން، އެހުރިހާ ފައިސާއެއް އެއިންނެވިތާ އިންނަވައި ބައްސަވައި ހުސްކޮށްލެއްވިއެވެ. އެއަށްފަހު ދިރުހަމްތައް އަޅައިފައިވާ ފޮތިގަނޑު އެންމެންގެ ކުރިމަތީގައި ފޮޅުއްވައިލެއްވިއެވެ.أمير معاوية رضى اللّـه عنــهއެއްފަހަރަކުأمّ المؤمنينއަށް އެއްލައްކަ ދިރުހަމް ފޮނުއްވިއެވެ. އެފައިސާ ލިބިވަޑައިގެންނެވި ދުވަހުގެ އިރުއޮއްސުމުގެ ކުރީން އެހުރިހާ އެއްޗެއްސެއް ބައްސަވައިލެއްވިއެވެ.أمّ المؤمنينއެދުވަހު އިންނެވީ ރޯދަފުޅަށެވެ. އެކަމަނާގެ ޚާދިމާ ދެންނެވިއެވެ. ރޯދަ ވީއްލަވާނެ އެއްޗެއް ގަނެވޭވަރަށް ފައިސާކޮޅެއް ބެހެއްޓެވިނަމަ ކިހާރަނގަޅުވީސްތޯއެވެ.أمّ المؤمنينވިދާޅުވިއެވެ. ކަނބުލޭގެ ހަނދާންކޮށެއް ނުދިނީމުއެވެ. ހަމައެފަދައިންعبد اللّـه بن الزّبيرއެއްފަހަރަކު އެއްލައްކަ ދިރުހަމު ފޮނުއްވުމުން އެފައިސާތައްވެސް ހަމައެދުވަހު ބައްސަވައި ހުސްކޮށްލެއްވިއެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއް ކަމުގައިވާعبد اللّـه بن الزّبيرދެކެ ވަރަށް ލޯބިފުޅުވެއެވެ. އެކަމަނާގެ ކުންޔަތުގެ ނަންފުޅު ޚިޔާރުކުރައްވައިފައިވަނީވެސްعبد اللّـهގެ ނަންފުޅާ ގުޅުއްވައިގެންނެވެ.أمّ المؤمنينޞަދަޤާތް ކުރައްވާލެއް ގިނަކަމުން، އެއްފަހަރަކުعبد اللّـه بن الزّبيرވިދާޅުވިއެވެ. ބޮޑުދައިތާފުޅުގެ އަތްޕުޅުގައި ހިފަހައްޓަން އެބަޖެހެއެވެ.أمّ المؤمنينއަށް އެ ޚަބަރު ލިބިވަޑައިގަތުމުން ވަރަށްބޮޑަށް ނުރުހުންވެވަޑައިގެންނެވިއެވެ. ވިދާޅުވިއެވެ. މާތްاللّـهގެ މަގުގައި އަހަރެން ޚަރަދުކުރުވުން ހުއްޓުވަން އެއީ ކާކުހެއްޔެވެ؟ އެހެން ވިދާޅުވެފައި ދުވަސްކޮޅެއް ވަންދެންإبن زبيرއާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އިންނެވިއެވެ.إبن زبيرވަރަށް މަސައްކަތްޕުޅުން ބޮޑުދައިތާފުޅުގެ ކޯފާ މަޑުކުރުއްވައި، މަޢާފު ހޯއްދެވިއެވެ.
أمّ المؤمنينގެ މަތިވެރި މަޤާމު
أمّ المؤمنينގެ ޢިލްމުވެރިކަމާއި އެކަމަނާގެ ޝަޚްޞިއްޔަތު ހިމެނިފައިވަނީ، އެކަމަނާ އެބަޔެއްގެ ތެރޭގައި ހިމެނިވަޑައިގެންފައިވާ ލަޠީފު ޖިންސަށް ވަރަށްބޮޑު ޝަރަފެއް ކަމުގައެވެ. އެކަމަނާއަކީ މުސްލިމް އަންހެނުންނަށް ވަރަށް ފުރިހަމަ ނަމޫނާއެކެވެ. އަނބިކަނބަލެއްގެ ގޮތުންނެވެ. ދީނީ، ތަމައްދުނީ މަސައްކަތްތަކުގައި އަދާކުރައްވައިފައިވާ މަތިވެރި ބައިތަކުގެ ސަބަބުންވެސްމެއެވެ.
ދުނިޔޭގެ މަޝްހޫރު އަންހެނުންގެ ލިސްޓުގައި ނަން ލިޔެވިފައިވާ ގިނަ އަންހެނުންނަކީ ކޮންމެވެސް އިއްތިފާޤީ ޙާދިޘާއެއްގެ ސަބަބުން މަޝްހޫރުވެ، އެހެނިހެން އަންހެނުންނަށްވުރެ މަތިވެރިވެފައިވާ ބަޔެކެވެ. ކޮންމެވެސް ފޯރިހުރި ތަޤްރީރެއްގެ ސަބަބުން ނުވަތަ ކޮންމެވެސް ތަދްބީރަކުން ދުޝްމަނުންގެ ރޭވުމެއް ނާކާމިޔާބުކޮށްލުން ނުވަތަ މިނޫންވެސް ދާދި މަދު ޙާދިޘާތަކެއްގެ ސަބަބުން، ތާރީޚުގައި ނަން ފާހަގަކުރެވިފައިވާ ބަޔެކެވެ.
މިދެންނެވި ޢާއްމު ޙައިޘިއްޔަތުތައް އެއްކިބާކޮށް، ޢިލްމުވެރިކަމާއި އަޚްލާޤާއި ތަޤްވާވެރިކަމާއި އަދާކުރައްވާފައިވާ ސިޔާސީ އިޖްތިމާޢީ ދައުރުތަކާއި މިހުރިހާ ކަމަކަށް ނަޒަރު ހިންގައިފިނަމަ، ލަޠީފީ ކާއިނާތުގައިعائشةގެފާނުގެ ބުރުޖުގައި ފިޔަޖެހުމުގެ ޙައްޤު ލިބިފައިވާ އެއްވެސް ތަރިޔެއް ނެތްކަން ޔަޤީނެވެ.
މުސްލިމް އަންހެނުންގެ ތާރީޚަށް ނަޒަރު ހިންގާއިރު،أزواج مطهراتއާއި،بنات طاهراتފިޔަވައިعائشةގެފާނާ އެއްލިސްޓަކަށް ގެނެވޭނީވެސް ކާކުތޯއެވެ. މުސްލިމުންގެ ހުރިހާ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި،أمّ المؤمنين السّيّدة خديجة رضى اللّـه عنــهاއާއިالسّيّدة فاطمة الزهراء رضى اللّـه عنــهاއާއި،أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއަކީ އެންމެ މަތިވެރި ތިން ސާހިބާއިންނެވެ. ގިނަ ޢިލްމުވެރިން މިދެންނެވި ތިން ނަންފުޅު ތަރުތީބުކުރައްވަނީ،فاطمة،خديجة،عائشةމި ތަރުތީބުންނެވެ.
علاّمة إبن تيميّةއާއި އެކަލޭގެފާނުގެ ޤާބިލު ދަރިވަރުحافظ بن القيّمލިޔުއްވައިފައިވެއެވެ. "މާތްކަމުގެ މާނައަކީ، އާޚިރަތުގެ ދަރަޖަކަމުގައިވާނަމަ އެކަން އެންމެމޮޅަށް ދެނެވޮޑިގެންވާނީ މާތްاللّـهއެވެ. ނަމަވެސް، ދުނިޔަވީ ޙައިޘިއްޔަތުން ވިސްނާއިރު، އެކިބޭކަނބަލުންގެ މާތްކަން އެކި ޙައިޘިއްޔަތްތަކުން ތަފާތެވެ. ނަސަބުގެ ގޮތުން ބަލާއިރު،فاطمة الزّهراءއަކީ އެންމެމާތް ސާހިބާއެވެ. އީމާންކަމުގެ އިސްކަމާއި، މުސްލިމުންނާއި އިސްލާމީ ދަޢުވަތަށް އެންމެފުރަތަމަ ދިމާވި ހުރަސްތަކާއި އުނދަގޫތަކާއި މުޞީބާތްތަކާ ދެކޮޅަށް ޖިހާދުކުރެއްވުމާއި، މާތް ރަސޫލާއަށް ވެވަޑައިގެންނެވި އެހީފުޅާއި އެމާތް ސާހިބާއަށް ކުރިމަތިވެވަޑައިގެންނެވި އުނދަގޫތަކާއި މުޞީބާތްތަކުގެ ވަގުތުގައި، އެމާތް ސާހިބާގެ ހިތްޕުޅަށް ތަސައްލީ ދެއްވުމާއި، މިކަންކަމަށް ބަލައިފިނަމަ،خديجة رضى اللّـه عنــهاގެ މާތްކަން އެހެން ހުރިހާ ބޭކަނބަލުންގެ މައްޗަށް ވަނީ ކުރިއަރައިގެންނެވެ. ޢިލްމުވެރިކަމާއި ދީނީ ޚިދުމަތާއި މާތް ރަސޫލާގެ އިރުޝާދުތަކާއި ތަޢުލީމް ފެތުރުއްވުމަށް ނަޒަރު ހިންގައިފިނަމަعائشة رضى اللّـه عنــهاފަދަ ދެވަނައެއް ނެތެވެ.
އަވަހާރަވުން
أمير معاويةގެ ވެރިކަމުގެ ފަހު ދައުރަކީأمّ المؤمنين السّيّدة عائشة رضى اللّـه عنــهاގެ ޙަޔާތްޕުޅުގެ އެންމެފަހު ދައުރެވެ. މާތްރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހުވެސް، ގާތްގަނޑަކަށް 48 އަހަރު ވަންދެންأمّ المؤمنينދުނިޔޭގައި އިންނެވިއެވެ. އެކަމަނާ އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތީ ހިޖުރައިން 57 ވަނަ އަހަރުގެ ރަމަޟާންމަހުއެވެ. އާލާސްކަންފުޅުގެ ތެރޭގައި، މާތްރަސޫލާގެ އެހެނިހެން އަނބިއަނބިކަނބަލުންގެ އަރިހުގައި ޖަންނަތުލްބަޤީޢުގައި ފަސްދާނުލުމަށް ވަޞިއްޔަތް ކުރެއްވިއެވެ.
(ނުނިމޭ)