ތަނުގެ ހާލަތު އޮތްގޮތުން ކަމަށް ވިދާޅުވެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންނަށް މިއަދު އެމަނިކުފާނާ ބައްދަލު ނުކުރެވޭނެކަން ކަރެކްޝަންސް އިން އަންގާފައިވާ ކަމަށް ވަކީލު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފު މިއަދު ސަން އަށް ވިދާޅުވީ ވަކީލުންނަށް އެންމެ ފުރަތަމަ އެންގީ ވަކި މުއްދަތެއް ނެތް ގޮތަށް ބައްދަލު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ފަހުން މިނިސްޓަރުގެ ބިއުރޯ އިން މިއަދު ބައްދަލު ނުކުރެވޭނެކަން އަންގާފައިވާ އިރު "އެބޭފުޅުން ވިދާޅުވަނީ ތަނުގެ ހާލަތު އޮތް ގޮތުން" ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

ނަޝީދުގެ ވަކީލުންނަށް މިއަދު ބައްދަލު ނުކުރެވޭ ގޮތަށް ހަމަޖައްސަވާފައިވާ އިރު ޖަލުގެ މުވައްޒަފެއްގެ މޫނަށް ނަޝީދު ކުޅުޖެއްސެވި ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ނަޝީދުގެ ވަކީލުން ވިދާޅުވީ އެތަނުގެ ބައެއް ޖަލު އޮފިސަރުންނަށް ފޯނުން ގުޅައި އެ ސުވާލު ކުރި ކަމަށާއި ނަމަވެސް އެ އިން އެއްވެސް ބޭފުޅަކު އެކަން ހިނގި ކަމަށް ވިދާޅު ނުވާ ކަމަށެވެ.

ހައިކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހު ރައީސް ނަޝީދު ވަނީ އަނބުރާ މާފުށީ ކަލަށް ގެންގޮސްފައި ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ ރައީސް ނަޝީދު މީހެއް މޫނަށް ކުޅުޖައްސަވާފާނެ ކަމަކަމަށް،" ހަސަން ލަތީފު ވިދާޅުވި އެވެ.

ބޭސް ފަރުވާއަކަށް ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ފުރުމަށް ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް ސަރުކާރުން ބުނަނީ ނަޝީދާ މުއާމަލާތް ކުރާނެ ބޭފުޅަކު ނަޝީދުގެ އާއިލާ އިން މަތިކޮށް، އެ ބޭފުޅަކު ސޮއި ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ނަޝީދުގެ ވަކީލުން ވިދާޅުވަނީ ބޭރުގެ ބައެއް ފަރާތްތަކާ އެކު ސަރުކާރުން ކުރި މުއާމަލާތުގައި ވަކި ޝަރުތަކަށް އެއްބަސްވާ ވާހަކަ ނޯންނާނެ ކަމަށެވެ.