މޭޑޭ މުޒާހަރާގައި ފުލުހުންގެ ސަފު ފަޅާލައި ޕިކަޕް ދުއްވައި ފުލުސް މީހާއަށް އަނިޔާކުރީ ވެސް އިމްރާން އަބްދުﷲ އެ ދުވަހު ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށް ދައުލަތުން ބުނެފި އެވެ.

އިމްރާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މެއި 2015 ވަނަ ދުވަހު "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.

އެމައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ދެ ވިޑިއޯއެއް ދައްކާލާފަ އެވެ. އެތަނުން އެއްވީޑިއޯގައި ފެންނަނީ ފުލުހުންގެ ސަފު ފަޅާލައި ޕިކަޕް ދުއްވާ މަންޒަރެވެ. އަދި އަނެއް ވީޑިއޯގައި ފެނިގެން ދަނީ ފުލުސްމީހަކަށް އަނިޔާކޮށް ތަޅާ މަންޒަރެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ދެ ހާދިސާ ހިނގަން މެދުވެރިވީ ވެސް އިމްރާން އަބްދުﷲ އެދުވަހުގެ މުޒާހަރާގައި ދެއްކި ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދިގެން ކަމަށެވެ.

ދިފާއުގައި އިމްރާނުގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެ ހާދިސާ ހިނގައި ދިޔަ ސަރަހައްދުގައި އިމްރާން ނުހުންނަވާނެ ކަމަށާއި ފުލުހުންގެ ސަފު ފަޅާލައި ޕިކަޕު ދުއްވަން އަދި ފުލުސްމީހާއަށް އަނިޔާކުރަން ވެސް އިމްރާން ގޮވާލައްވާފައި ނުވާ ކަމަށެވެ. އަދި އިމްރާން އެވަގުތު އޭނއާ ވާހަކަ ދައްކާފައިވެސް ނުވާކަމަށް ހުސްނުއްސުއޫދު ވިދާޅުވި އެވެ.

އެއްވުން އިންތިޒާމުކުރައްވާ ފަރާތުން އެއްވުމުގެ ޒިންމާ އުފުލަން ޖެހޭނެކަމަށް ގާނޫނުގައި ބުނެފައިވާ އިރު އެދުވަހު ކުރިއަށްދާ މުޒާހަރާގައި ހިނގާ ކަންކަމުގެ ޒިންމާ ނަގާނެ ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ފަރާތުން އިމްރާން އަބްދުﷲ ފުލުހުންނާ އެކު ލިޔުމެއްގައި ސޮއިކޮށްފައިވާކަން ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

ދައުލަތުގެ އެ ޕޮއިންޓާ ގުޅިގެން އިމްރާންގެ ވަކީލު އަލީ ޒާހިރު ވިދާޅުވީ އެ ދުވަހުގެ އެއްވުމަށް އެހެން ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކުގެ ޒިންމާ އިންތިޒާމު ކުރި ފަރާތުން ނަގަން ނުޖެހޭނެ ކަމަށް އިމްރާން އާއި ފުލުހުންނާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ކަމަށެވެ. އަދި އެފަދަ އެއްވުންތަކަށް އެހެން ފަރާތްތަކުން ވަދެ ހަމަ ނުޖެހުންތައް ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކީގެ ހެކިބަސް ނެގުމަށް އަންނަ ހޯމަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާނު ކުރެއްވުމަށް ފަހު އެވެ. އަދި މިއަދު ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯތަކަކީ އެކެއް މޭ ދުވަހުގެ އެއްވުމުގައި ހިނގައި ދިޔަކަން ކަމާއި އެދުވަހުގެ ވީޑިއޯކަން ސާބިތުކޮށްދިނުމަށް ދައުލަތުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން އެނަލިސިސް ރިޕޯޓު ހުށަހެޅުމަށް ވެސް ގާޒީ ބާރީ ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން އެ މައްސަލަ ބައްލަަވަމުން ގެންދެވީ ތިން ފަނޑިޔާރުން އެކުލެވޭ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަބްދުލް ބާރީ ޔޫސުފް އާއި ގާޒީ އަބްދުﷲ ނަޝީދު އާއި ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒު އެވެ. ނަމަވެސް އެ ބެންޗް އިސްގާޒީ އުވާލައްވައި މައްސަލަ ހަމައެކަނި ގާޒީ އަބްދުލް ބާރީ ޔޫސުފް ބައްލަވާގޮތަށް ވަނީ ހަމަޖައްސަވާފަ އެވެ.