18 Jan 2016, 14:24
ބަންގުލަދޭޝް ސަރުކާރުން ދިވެހި ރާއްޖޭގޭގެ އަސްކަރިއްޔާ އަށް ހަތް އެއްގަމު އުޅަނދު ހަދިޔާކޮށްފި އެވެ.
ކަޅުތުއްކަލާ ކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބަންގުލަދޭޝް އިން ހަދިޔާކުރި ޓޮޔޯޓާ ބްރޭންޑުގެ ހަތް ޕިކަޕް ރާއްޖޭގެ އަސްކަރިއްޔާ އާ ހަވާލުކޮށްދެއްވީ ބަންގުލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަބޫ ބިލާލް މުޙައްމަދު ޝާފިއުލް ޙައްޤު އެވެ.

ބަންގުލަދޭޝް ސަރުކާރުން ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް އެއްގަމު އުޅަނދުތައް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ތެރެއިން --- ފޮޓޯ: ޔޫސުފް ސޮފްވާން
ރާއްޖޭގެ ފަރާތުން އެ އުޅަނދުތަކާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް އެވެ.

ބަންގުލަދޭޝް ސަރުކާރުން ދިވެހި ރާއްޖޭގެ އަސްކަރިއްޔާއަށް އެއްގަމު އުޅަނދުތައް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ތެރެއިން --- ފޮޓޯ: ޔޫސުފް ސޮފްވާން
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންގުލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަބޫ ބިލާލް މުޙައްމަދު ޝާފިއުލް ޙައްގު ވިދާޅުވީ، ރާއްޖެ އާއި ބަންގުލަދޭޝްއާ ދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުމަކީ ގިނަ ދުވަސްވީ ރަހުމަތްތެރިކަމުގެ ގުޅުމެއް ކަމަށެވެ.
"ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެެވޭ އަސްކަރީ ތަމްރީނު ޕުރޮގްރާމްތަކާއި ދޭދޭ ގައުމުތަކުގެ މެދުގައި ބާއްވާ އެކްސަސައިޒްތަކުން، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ދެމެދުގައިވާ އެއްބާރުލުން އިތުރަށް ބަދަހިވާނެ"، ބިލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ކިޔަވާ ކުދިންނަށް ބަންގުލަދޭޝްގައި ސިވިލް އިންސްޓިޓިއުޝަންތަކުންނާއި އަސްކަރީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރުމަށް އެހީތެރިވެ ދިނުމަށް އެ ގައުމު ތައްޔާރު އޮތް ކަމަށެވެ.
އަދި ރާއްޖޭގައި މަސްވެރިކަން ކުރުމަށް ރާއްޖޭއާ އެކު އެ ގައުމުން ޝައުގުވެރިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ބަންގުލަދޭޝް ސަރުކާރުން ދިވެހި ރާއްޖޭގެ އަސްކަރިއްޔާއަށް އެއްގަމު އުޅަނދުތައް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ތެރެއިން --- ފޮޓޯ: ޔޫސުފް ސޮފްވާން
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވީ، ދިވެހި ރާއްޖޭގެ އަސްކަރިއްޔާ އަށް ބަންގުލަދޭޝްގެ އަސްކަރިއްޔާއާ އެކު ގިނަ ގުނަ ތަމްރީނު ޕްރޮގުރާމްތަކެއްގައި ބައިވެރި ވުމުގެ ފުރުސަތު ދެއްވާނެ ކަމަށް ބަންގުލަދޭޝްގެ ޗީފު އޮފް އާމީ ވިދާޅުވެފައިވާ ކަމަށެވެ.
އަދި އަވަސް މުސްތަގުބަލެއްގައި އެކަން ކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.