18 Jan 2016, 13:30
ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އަތޮޅުތެރޭ ރަށްރަށުގައި ދެމުންދާ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި 60 ޖަނަރޭޓަރު މިއަހަރު ގެނައުމަށް ނިންމާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު "ސަން" މިއަދު ވިދާޅުވީ މިދިޔަ އަހަރު ތެރޭގައި 77 ޖަނަރޭޓަރު ގެނެސްފައިވާއިރު ރަށް ރަށުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިއަހަރު އިތުރު 60 ޖަނަރޭޓަރު ގެނައުމަށް ނިންމާފައިވާ ކަމަށް ނިމާލު ވިދާޅުވިއެވެ.
"އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން އަންނާތިއްޔާ އެކީގަ ރަށްރަށުގެ ތަރައްގީއަށް ބޮޑެތި މަޝްރޫތަކާއި މަސައްކަތްތައް ކުރިއަށްދާތީވެ އަޅުގަނޑުމެން އެބަޖެހޭ އެ މަޝްރޫތަކާއި އެކީކަހަލަ ގޮތަކަށް ރަށްރަށުގެ ހިދުމަތްތައް ތަރައްގީކޮށް މަސައްކަތްތައް ކުރިއަށް ގެންދަން." ނިމާލު ވިދާޅުވިއެވެ.
މިއަހަރު ނިމި ނުވަތަ އަންނަ އަހަރާއި ހަމައަށް ދާއިރު އެޖަނަރޭޓަރުތަކުން ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށާއި އެޖަނޭޓަރުތައް ދިނުމުގައި ބޮޑަށް ބަލާނީ ބޮޑެތި މަޝްރޫތައް ހިންގާ ރަށްރަށަށް ކަމަށް ނިމާލު ވިދާޅުވިއެވެ.
ރަށްރަށުގައި މީހުން ދިރިއުޅޭ ހިސާބުތަކުގައި އިންޖީނުގޭ ހުރުމުން ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް މިއަހަރު 60 ރަށުގެ އިންޖީނުގޭ ބަދަލުކުރަން ވަނީ ނިންމާފައި ކަމަށް ވެސް ނިމާލު ވިދާޅުވި އެވެ. އަދި 26 ރަށަކަށް ބޭނުންވާ ކޭބަލް ގަތުމަށް 50 މިލިއަން ރުފިޔާގެ ކޭބަލަށް ވަރަށް އަވަހަށް އޯޑަރު ކުރެވިގެންދާނެ ކަމަށްވެސް ނިމާލު ވިދާޅުވިއެވެ.
ރަށްރަށުގެ ސުޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމަށް ކޮންމެ ރަށެއްގައި ތެޔޮތާންގި ތަކެއް ބަނުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށްވެސް ނިމާލު ވިދާޅުވި އެވެ. މިއަހަރުގެ އޭޕްރީން ނުވަތަ މޭ އާއި ހިސާބުގައި ދެމެގާވޯޓުގެ ދެ ޖަނަރޭޓަރު އައްޑޫއަށް ލިބިގެންދާނެ ކަމަށް ނިމާލު ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގައި މިއަދު ބޭއްވި ހަފްލާއެއްގައި ވަނީ އެކޯޕަރޭޝަންއިން ގއ. ގެމަނަފުއްޓަށް ދެމުންދާ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެރަށު ކައުންސިލްއިން ފެނަކަ ކޯޕަރޭޝަންއާއި ފިލައެއް ހަވާލުކޮށްފައެވެ.