18 Jan 2016, 13:49
ތިލަފުށީގައި ކަސްޓަމްސް ސާވިސްއިން ހިންގަމުން އަންނަ އޮފީހަށް އިތުރު ކުރި އާ އިމާރާތް ހުޅުވައިފި އެވެ.
އިމާރާތް ކުރުމަށް ގިނަ އަހަރުތަކެއް ހޭދަވުމަށް ފަހު ނިންމައި، ބޭނުން ކުރަން ފަށާފައިވާ ފަސްބުރީގެ އެ އިމާރާތް މިއަދު ހުޅުވީ އެކަމަށްޓަކައި އެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތް ހުޅުއްވައި ދެއްވީ ޑެޕިއުޓީ ކަމިޝަނާ އޮފް ކަސްޓަމްސް އިސްމާއީލް ޢަބުދުﷲ އެވެ.
މިއަދު ހުޅުވި އިމާރާތުގައި ހިމެނެނީ އޮފީސް ޖާގައަކާއި ކަސްޓަމްސްގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއި ތަކެތި ރައްކާ ކުރާ ޖާގައެކެވެ.
އިމާރާތްކުރަން ފެށުމަށް ފަހު މަސައްކަތް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވީ ފަހުން އެ އިމާރާތުގެ މަސައްކަތް ނިންމަން 2011 ވަނަ އަހަރު ސަރުކާރުން ހަވާލުކުރީ ޕްރޮޕް ޕްރައިވެޓް ލިމިޓެޑާއެވެ. އިމާރާތް ނިންމުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 2.6 މިލިޔަން ރުފިޔާއަށެވެ.
ކަސްޓްމްސް އިން ބުނީ ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ކަންތައްތައް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ހަމަޖެއްސުމަށް ކަސްޓަމްސް އިން ކުރަމުން އަންނަ މަސައްކަތަށް އާ އިމާރާތުގެ ސަބަބުން ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.
ރާއްޖެއަށް އެތެރެކުރާ ބައެއް ބާވަތުގެ މުދާ މާލެއަށް ބޭލުމުގެ ބަދަލުގައި ތިލަފުށްޓަށް ބާލަން ސަރުކާރުން ނިންމީ 1990 ވަނަ އަހަރުއެވެ. އެގޮތުން އޮފީހެއް ހުޅުވައި، ކަސްޓަމްސްގެ ވުޖޫދު އެރަށުގައި ގާއިމްކުރީ ވެސް އެ އަހަރުއެވެ.