އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ފުރާވަޑައިގެންފި އެވެ.

ހޫގޯ ސްވެޔާ ރާއްޖެ އަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ބައްދަލު ކުރެއްވި އެވެ.

އިއްޔެ ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިހާރު ވެސް އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަަމަށް ރައީސް އޮފީހުން ބުނެ އެވެ.

ސްވެޔާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކުރީގެ ރައީސް އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ވެސް ބައްދަލު ކުރެއްވި ކަމަށެވެ.

އޭނާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް މައުމޫނާ ބައްދަލު ކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކާއި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާއި ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވާނެ ކަމަށެވެ.

ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސްވަޔާ ވަނީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ޕީޕީއެމްގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެގޮތުން އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ވެރިންނާ ވެސް އޭނާ ވަނީ ބައްދަލުކުރައްވައިފަ އެވެ.