ޖިއްދާ (ޖެނުއަރީ 18): އެހެން ފަހަރުތަކާ އަޅާ ބަލާ އިރު މިފަހަރު އުމްރާއަށް ދިޔަ މީހުންގެ އަދަދު 10 ޕަސެންޓް ދަށްވެއްޖެ ކަމަށް މައްކާގައި ހުންނަ ނޭޝަނަލް ކޮމިޓީ ފޯ ހައްޖު އެންޑް އުމްރާ އިން ބުނެފި އެވެ.

ނެޝަނަލް ކޮމިޓީ ފޯ ހައްޖު އެންޑް އުމްރާގެ ޑެޕިއުޓީ ހެޑް، އަބްދުﷲ ގާދީ ވިދާޅުވީ މިފަހަރުގެ އުމްރާ މޫސުމަށް ސައުދީ އަރަބިއާ އަށް ދިޔައީ 1.8 މިލިއަން މީހުން ކަމަށެވެ. އެއީ މިދިޔަ އަހަރު އެމުއްދަތުގެ ތެރޭގައި އުމްރާ އަށް ދިޔަ ދެ މިލިއަން މީހުންނާ އަޅާ ބަލާ އިރު 10 ޕަސެންޓް ދަށް އަދަދެއް ކަމަށް ގާދީ ވިދާޅުވި އެވެ.

އުމްރާ އަށް މީހުން ދިޔުން މަދުވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާ އާއި ތުރުކީ އާއި އުރުދުންނާއި މަޢުރިބާއި އިރާގާއި ލީބިޔާއާއި އީރާން ކަމަށް ގާދީ ވިދާޅުވި އެވެ. ނަމަވެސް، ޕާކިސްތާނާއި މިސްރުން އުމްރާ އަށް މިފަހަރު ދިޔަ މީހުންގެ އަދަދު 20 ޕަސެންޓު އިތުރުވެފައިވާ ކަމަށް ވެސް ގާދީ ވިދާޅުވި އެވެ.

އުމްރާ އަށްދާ މީހުން މަދުވުމަށް މެދުވެރިވީ އެގައުމުތަކުގެ އިގުތިސާދީ އަދި ސިޔާސީ މައްސަލަތައް ހުރި ގޮތުން ކަމަށް ގާދީ ލަފާކުރައްވަ އެވެ.

އަދި، އިރާގު ފަދަ ސައުދީ އެމްބަސީއެއް ނުހުންނަ ގައުމުތަކުގެ ރައްޔިތުން ވިސާ ހޯދަންޖެހެނީ އަވަށްޓެރި ގައުމުތައް މެދުވެރިކޮށް ކަމަށް ވުމަކީ ވެސް އުމްރާ އަށް ދާ މީހުންގެ އަދަދު މަދުވުމަށް މެދުވެރިވެދާނެ ސަބަބެއް ކަމަށް ގާދީ ވިދާޅުވި އެވެ.

ކޮންމެ މަހަކު 1.2 މިލިއަން މީހުން އުމްރާއަށް ގެނައުމަށް ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ހައްޖުން އަމާޒުކުރެ އެވެ. ނަމަވެސް، މިހާރު ކޮންމެ މަހަކު އެވްރެޖްކޮށް އުމްރާއަށް ދަނީ 800،000 ވަރަކަށް މީހުން ކަމަށް ހިސާބުތަކުން ދައްކަ އެވެ. (ސައުދީ ގެޒެޓް)