ވޮޝިންޓަން (ޖެނުއަރީ 18): އީރާނާއި އެމެރިކާއިން ހެދި އެއްބަސްވުމެއްގެ ދަށުން ދެ ގައުމުން ބަދަލު ކުރި ކުށްވެރިންގެ ތެރެއިން އީރާނުގައި ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ތިން ކުށްވެރިންގެ ސިއްހީ ހާލު ބެލުމަށް ޖަރުމަނަށް ގެންގޮސްފި އެވެ.

އީރާނުގެ ނިއުސް އޭޖެންސީއަކުން ރިޕޯޓު ކުރި ގޮތުގައި އީރާނުން އެމެރިކާގެ ކުށްވެރިން މިނިވަންކޮށްފައި ވަނީ އެމެރިކާގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ހަތް ކުށްވެރިންގެ ބަދަލުގައި އެވެ.

މިހާރު ޖަރުމަނުގައި ހުންނަ އެމެރިކާގެ ބޭސް އެއްގައި ސިއްހީ ހާލަތު ބެލުމަށް ތިބި ތިން ކުށްވެރިންގެ ތެރޭގައި އެމެރިކާގެ ރައީސް "ހިތްވަރުގަދަ" މީހެއްގެ ގޮތުގައި ސިފަކޮށްފައިވާ ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓަރު، ޖޭސަން ރިޒައިން ހިމެނެ އެވެ.

އީރާނާއި ދެކޮޅަށް އަޅާފައިވާ ގިނަ އަދަދެއްގެ ބައިނަލް އަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ފަހު މިއަދު އެމެރިކާއިން ވަނީ އަނެއްކާވެސް އީރާނުގެ ބައެއް ކުންފުނިތަކާއި ވިޔަފާރިވެރިންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މިސައިލެއް ޓެސްޓު ކުރުމާ ގުޅިގެން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުން މިއަދާއި ހަމައަށް ލަސްކުރީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަށް ބުރޫ އަރާފާ ނެތީ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެ އެވެ.

އިރާނުގައި ހައްޔަރު ކުރި އެމެރިކާ މީހުން ހައްޔަރު ކުރީ ތަފާތު ފަސް މައްސަލައެއްގަ އެވެ. (ނޫސްއޭޖެންސީތައް)