އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްޓޯކް ސިޓީއާ ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ލިބުނު ޕްއިންޓާއެކު ތާވަލުގެ އެއްވަނައަށް އާސެނަލް އަރައިފި އެވެ.

ރޭގެ މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކީ އާސެނަލް ތާވަލުގެ އެއްވަނާގައި އޮތީ 44 ޕޮއިންޓާއެކީގަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ލެސްޓަ ސިޓީ ދެވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުން ނެވެ. ލީގުގެ ތިންވަނާގައި 43 ޕޮއިންޓާއެކީ މެންޗެސްޓަރ ސިޓީ އޮތްއިރު، ލީގުގެ ހަތަރުވަނައިގައި 39 ޕޮއިންޓާއެކީ އޮތީ ޓޮޓެންހަމްއެވެ.

ސްޓޯކް ސިޓީގެ ގޯލްކީޕަރު ޖެކް ބަޓްލޭންޑްގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިފައިވެ އެވެ. ގޯލާ އަމާޒުކޮށް އޮލިވާ ޖިރޯ ފޮނުވާލި ހަމަލާ އޭނާ މަތަކޮށްފައިވާއިރު އެލެކްސް އޮކްސްލޭޑް ޗެމްބަލައިން ދުރުން ފޮނުވާލި ހަމަލާވެސް ވަނީ ބަޓްލޭންޑް މަތަކޮށްފަ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް ބަޓްލޭންޑްއެވެ.

ސްޓޯކް ސިޓީއަށްވެސް ގޯލްޖަހާނެ ފުރުސަތުތަކެއް އެ މެޗުގައި ލިބި ވަނީ ބޭކާރުވެފަ އެވެ. އެ މެޗުގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދީފައިވާ މެސުޓް އޮޒިލް އަނިޔާގެ ސަބުބުން ކުޅެފައެއް ނުވެއެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ، ރޭގެ މެޗުގައި އޮޒިލް ނުފެނުނު ނަމަވެސް އޭނާ އަށް ލިބިފައިވަނީ މާ ސީރިއަސް އަނިޔާ އެއް ނޫން ކަމަށާއި ކުރިއަށް އޮތް ޗެލްސީ މެޗުގައި އޭނާ ފެނިގެންދާނެ ކަމަށެވެ.