18 Jan 2016, 11:45
އެފްއޭއެމްގެ އިންތީޚާބުގައި އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދަށް ކުރިމަތި ނުލެވޭ ގޮތަށް ކުޅިވަރުގެ ގައުމީ މަޖިލީހުން ފާސް ކުރި ގަރާރުގެ ބޮޑު ބައެއް އުނި ކުރުމަށް ފަހު އަލުން ގަވާއިދު ނެރެފި އެވެ.
މިމަހު ޔޫތު މިނިސްޓްރީ އިން ނެރެފައިވާ ކުޅިވަރުގެ ގައުމީ މަޖިލީޙުގެ ގަރާރުގައި ބުނެފައި ވަނީ ކުޅިވަރު އެސޯސިއޭޝަނެއްގެ ނޯމަލައިޒޭޝަން ކޮމިޓީގައި ހިމެނޭ މެންބަރަކަށް އެ އެސޯސިއޭޝަނެއްގެ އިންތިޚާބަކަށް ކުރިމަތި ލެވޭނީ އެ މަގާމުން ވަކިވާތާ ހަ މަސް ފަހުން ކަމަށެވެ. އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމުގައި ހުރި މީީހަކަށް އެހެން ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސް ކަމަށް ކުރިމަތި ލެވޭނީ މަގާމުން ވަކިވާތާ ހަ މަސް ފަހުން ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
ނަމަވެސް ފަހުން ނެރުނު ގަރާރުގައި ބުނަނީ އެފަދަ މަގާމެއްގައި ހުރި ދެ ވަނަ މަގާމަކަށް ވާދަ ކުރަން، ކުރިން ހުރި މަގާމުން ވަކިވުމަށް ހަ މަސް ބޭނުން ނުވާނެ ކަމަށެވެ. އެ ބައި ވަނީ ގަވާއިދުން އުނިކޮށްފަ އެވެ.
މިހާރު ނެރެފައިވާ ގަރާރުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ އޮލިމްޕިކް ކޮމިޓީގެ ރިޔާސަތު ބަލަހައްޓާ މީހަކު އެހެން އެއްވެސް އެސޯސިއޭޝަނެއްގެ ރައީސްގެ މަގާމަށް ވަޑައި ނުގެނެވޭނެ ކަމަށެވެ. މީގެ އިތުރަށް އެއްވެސް މީހަކަށް ދެ އެސޯސިއޭޝަނެއްގެ އެކްސްކޯގެ މެންބަރުކަން ނުފުރޭނެ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ. އަދި އެސޯސިއޭޝަނެއްގެ މަގާމަށް ކުރިމަތިލާ މީހަކަށް އެފަދަ މަގާމަކަށް ކުރިމަތިލުމުގައި މަސްލަހަތު ފުށުއަރާ މަގާމެއްގައި ހުރި މީހަކަށް ވެސް ކުރިމަތި ނުލެވޭ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
އަދި އެ މާއްދާތައް އެސޯސިއޭޝަންތަކުގެ ހިންގާ ޤަވާއިދުގައި ހިމެނުމަށް ވެސް ކުޅިވަރުގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުގައި ބުނެފައިވެ އެވެ.
ޔޫތު މިނިސްޓްރީ އިން ބުނީ ކުރިން ނެރުނު ގަރާރަކީ "އިދާރީ އޮޅުމަކުން ނެރެވިފައިވާ" ގަރާރެއް ކަމަށެވެ.
ސަންއާ ވާހަކަ ދައްކަމުން ޝަވީދުގެ ގާތް މީހެއް ބުނީ މިހާރު ނެރެފައިވާ ގަރާރުގައި ބުނާ ގޮތުން ޝަވީދަށް ކުރިން ކުރިމަތިވެ ވަޑައިގެންނެވި ހުރަސްތައް މިހާރު ކުރިމަތި ނުވާނެ ކަމަށާއި އެފްއޭއެމްގެ އިންތީޚާބުގައި ކުރިމަތި ލުމުގެ ވިސްނުން އަލުން ޝަވީދު ގެންގުއްވާ ނަމަ އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ދޫކޮށްލައްވާނީތޯ ނިންމަވާނީ ޝަވީދު ކަމަށެވެ.