18 Jan 2016, 11:23
ލ. ގަން ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާ 23، މަރާލާފައި ވަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން ކަމަށާއި އެކަން ކުރި ކަމަށް ތުހުމަތު ކުރެވެނީ ބިދޭސީއަކު ކަމަށް ފުލުހުން ބުނެފި އެވެ.
ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗިފް ސުޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޒު ވިދާޅުވީ ޒުހާ މަރާލާފައި ވަނީ އޭނާ މަރާލާފައި އޮއްވައި ފެނުނު ހ. ލާލުގޭގައި ހުސްކޮށް ހުންނަ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީއަކުކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ހައްވާ ޒުހާ މަރުވެފައި ވަނީ އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލުމުން ކަމަށެވެ.
މި މައްސަލައިގެ ތަހްގީގުގައި އިތުރަށް ފުރިހަމަކުރަން ޖެހޭ ކަންކަން ކުރަމުން ދާ ކަމަށާއި ޒުހާ މަރާލި ކަމަށް ތުހުމަތުކުރެވޭ ބިދޭސީ މީހާ ހޯދައި ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ޒުހާގެ މަރުގެ މައްސަލާގައި ބަންގުލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށްފައިވާއިރު މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު ފުލުހުން ވަނީ ހަމަ އެ މައްސަލައިގެ ތުހުމަތުގައި 28 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުން ހައްޔަރު ކުރީ ޒުހާ އާންމުކޮށް ވަދެ ނުކުމެ އުޅޭ ހ. ޑްރޫމްގެއިން ނެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ދާދި ފަހުން ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.
ޒުހާގެ މަންމަ ނައީމާ މުހައްމަދު (ނައީމައްތަ) "ސަން" އަށް ބުނީ އޭނާގެ ދަރިފުޅު މަރާލާފައި ވަނީ ކަރުގައި ހިފައި އަނިޔާކޮށްގެން ކަމަށެވެ. އެ ތުހުމަތު ކުރެވެނީ ދަރިފުޅުގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކުން ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ދަރިފުޅުގެ ފަލަމަސްގަނޑުގައި ވެސް ބާރަށް ހިފާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. ފަލަމަސްގަނޑުގައި ބާރަށް ހިފުމުން އަތުގެ އިނގިލިތައް އަރާ ގޮތަށް ނޫފައިގެންފައިވާ ނިޝާނެއް ފެންނަ ހުރި ކަމަށް ނައީމައްތަ ބުންޏެވެ.