ލޯބިވެރިޔާއާ ބައްދަލުކުރުމަށް ބައިސްކަލެއްގައި އިންޑިއާއިން ސްވިޑަންއަށް ދިޔަ މީހެއްގެ ވާހަކަ!
ލޯބިވެރިޔާއާ ބައްދަލުކުރުމަށް ބައިސްކަލެއްގައި އިންޑިއާއިން ސްވިޑަންއަށް ދިޔަ މީހެއްގެ ވާހަކަ!

އިނގިރޭސިވިލާތަށް އުފަން މަޝްހޫރު ޅެންވެރިޔާ އަދި ޑްރާމާ ލިޔުންތެރިޔާ ވިލިއަމް ޝޭކްސްޕިއާރ ލިޔެފައިވާ "ރޯމިއޯ އެންޑް ޖޫލިއެޓް" ގެ ވާހަކައަކީ ދުނިޔޭގެ އެންމެންނަށް އިނގޭ މަޝްހޫރު ވާހަކައެކެވެ. ހަމަ އެގޮތަށް އަރަބި ބަހުން ލިޔެފައިވާ ހިތާމަވެރި ލޯބީގެ ވާހަކައެއް ކަމަށްވާ "ލައިލާ ވަ މަޖްނޫން" އާއި ފާރިސީ ބަހުގެ "ޝީރީން ފަރުހާދު" އަކީ ވެސް އަދި އިންޑިއާގެ މަޝްހޫރު "ހީރް ރާންޖާ" އަކީ މަޝްހޫރު ލޯބީގެ ވާހަކަތަކެކެވެ.

ލޯބިވެރިޔާއާ ބައްދަލުކުރުމަށް ބައިސްކަލެއްގައި އިންޑިއާއިން ސްވިޑަންއަށް ދިޔަ މީހެއްގެ ވާހަކަ!
ލޯބިވެރިޔާއާ ބައްދަލުކުރުމަށް ބައިސްކަލެއްގައި އިންޑިއާއިން ސްވިޑަންއަށް ދިޔަ މީހެއްގެ ވާހަކަ!

މީގެ 40 ވަރަކަށް އަހަރު ކުރިން، 1978 ވަނަ އަހަރު ލޯބިވެރިޔާ ކައިރިއަށް ދިއުމަށް ބައިސްކަލެއްގައި އެތައް ބައްރެއް ހުރަސްކޮށް ދިޔަ މީހެއްގެ ވާހަކައަކީ ވެސް އެފަދަ ވާހަކައަކަށް ވެދާނެ އެވެ. މިއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސޯޝަލް މީޑިއާ ފޭސްބުކްގައި ވަރަށް ގަދަޔަށް ފެތުރިގެންދިޔަ، އިންޑިއާގައި މަޝްހޫރުކަން ލިބިފައިވާ ވާހަކައެކެވެ.

ލޯބިވެރިޔާއާ ބައްދަލުކުރުމަށް ބައިސްކަލެއްގައި އިންޑިއާއިން ސްވިޑަންއަށް ދިޔަ މީހެއްގެ ވާހަކަ!
ލޯބިވެރިޔާއާ ބައްދަލުކުރުމަށް ބައިސްކަލެއްގައި އިންޑިއާއިން ސްވިޑަންއަށް ދިޔަ މީހެއްގެ ވާހަކަ!

އިންޑިއާގެ ބޭ އޮފް ބެންގާލްގެ އުތުރުގައި އޮންނަ ސްޓޭޓެއް ކަމަށްވާ އޮޑިޝާގެ ފަގީރު އާއިލާއަކަށް 1949 ވަނަ އަހަރު އުފަން ޑރ. ޕްރަދްޔުމްނާ ކުމާރު މަހަނަންދިއާ (ޕީކޭ) އަކީ ހުނަރުވެރި ފަންނުވެރި އެކެވެ. ނަމަވެސް އާއިލާގެ ތަނަވަސްކަން ނެތުމުގެ ސަބަބުން އޭނާއަށް ކިޔެވުމުގެ ފުރުސަތެއް ކުރިން ނުލިބުނެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބައެއްގެ މަލާމާތް އޭނާއަށް ރައްދުވި އެވެ.

ޑރ. ޕީކޭ މަހަނަންދިއާގެ ބައިސްކަލް --

ނަމަވެސް 1971 ވަނަ އަހަރުގެ ތެރޭގައި ނިއު ދިއްލީގައި ހުންނަ ކޮލެޖް އޮފް އާޓްސް އިން ކިޔެވުމުގެ ފުރުސަތެއް އޭނާއަށް ލިބުނެވެ. އަދި ފަންނުވެރިކަމުގެ ރޮނގުން އޭނާއަށް މަޝްހޫރުކަން ލިބުނެވެ.

އޭނާގެ މަޝްހޫރުކަމުގެ ވާހަކަ އަޑުއިވި، ޕީކޭގެ އަތުން އަމިއްލަ މީހާގެ ކުރެހުމެއް ކުރެހުމަށް ލަންޑަނުގައި ކިޔަވަންހުރި 19 އަހަރުގެ ސްވިޑަންއަށް އުފަން ޗާލޮޓް ވޮން ޗެޑްވިން 1975 ވަނަ އަހަރު އިންޑިއާއަށް ދަތުރެއްކުރި އެވެ.

މި ދަތުރު ވެގެންދިޔައީ ޕީކޭ އާއި ޗާލޮޓްގެ ލޯބީގެ ފެށުމަށެވެ. ދެ މީހުން ލޯބީގެ ގޮތުން ގުޅި ކައިވެނި ކޮށް، ޗާލޮޓްގެ ނަން އިންޑިއާގެ ޗަރުލަތާއޭގެ ނަމަށް ބަދަލުކުރި އެވެ.

އަހަރުތައް ފާއިތުވެ ގޮސް، 1975 ވަނަ އަހަރުގެ ތެރޭގައި ޗާލޮޓްއަށް އެނބުރި ސްވިޑަންއަށް ދާންޖެހުނެވެ. ނަމަވެސް ކިޔެވުން ނިންމަން ބޭނުންވާތީއާ އަދި ޗާލޮޓްއާއެކު އޭނާގެ ގައުމަށްދާނެހާ ތަނަވަސްކަން ނެތުމުން ޕީކޭ އަކަށް އޭނާގެ ހަޔާތުގެ ބައިވެރިޔާއާއެކު ނުދެވުނެވެ.

ނަމަވެސް ޕީކޭ އޭނާގެ ލޯބިވެރިޔާ ކައިރިއަށްދާނެ ކަމަށް ވައުދުވި އެވެ. އަދި ފައިސާ އެއްކުރުމަށް ބުރަކޮށް އެތައް އަހަރެއް ވަންދެން މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން އޭނާގެ ހުރިހާ ހަރުމުދާކޮޅެއް ވިއްކާލައި މީހެއްގެ އަތުން ބޭނުންކޮށްފައިހުރި ބައިސްކަލެ ޕީކޭ ގަތެވެ.

ބައިސްކަލުގައި ލޯބިވެރިޔާގެ ކައިރިއަށް ދިއުމަށް އޭނާ ދަތުރުފެށީ 1978 ވަނަ އަހަރުއެވެ. އިންޑިއާގެ ވެރިރަށް ނިއު ދިއްލީން ފެށި ދަތުރުގައި އަފްޣާނިސްތާނާއި އިރާނާއި ތުރުކީ އާއި ބަލްގޭރިއާ ގެ އިތުރުން ޔޫގޯސްލާވިއާ އާއި ޖަރުމަނާއި އޮސްޓްރިއާ އަދި ޑެންމާކު އޭނާ ހުރަސްކުރި އެވެ.

ލޯބިވެރިޔާ ޗާލޮޓްގެ ކައިރިއަށް ދިއުމަށް ޕީކޭ ކުރި ދަތުރު ---

ސްވިޑަންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ، ގޮތެންބާގަށް ދިއުމަށް ޕީކޭ ކުރި ދަތުރަށް ގާތްގަނޑަކަށް ހަތަރު މަހާއި ތިން ހަފްތާ ހޭދަވި އެ ދިގު ދަތުރުގައި އެތައް ފަހަރެއްގެ މަތިން އޭނާ ދުއްވި ބައިސްކަލު ހަލާކުވި އެވެ. ކާއެއްޗެއް ނުކައި އެތައް ދުވަހެއް ހޭދަކުރި އެވެ. ނަމަވެސް އޭނާ ގެ އަޒުމަކަށް ބަދަލެއް ނައެވެ.

އެދުވަސްވަރަކީ ގިނަ ގައުމުތަކަށް ވިސާ އަކާ ނުލާ ވަދެވޭ ދުވަސްވަރެކެވެ. ނަމަވެސް ސްވިޑަންއަށް ދިއުމުން އެގައުމުގެ އިމިގްރޭޝަން އޮފިސަރުން އޭނާއާ ސުވާލުކުރި އެވެ. އަދި ޗާލޮޓްއާއެކު ޕީކޭ ނަގާފައިވާ ކައިވެނީގެ ފޮޓޯއެއް ދައްކައި އޭނާ އެގައުމަށް އައުމުގެ ބޭނުން ކިޔައިދިނެވެ.

އެކަން ވެގެންދިޔައީ އިމިގްރޭޝަން އޮފިސަރުންނަށް ލިބުނު ކުއްލި ހައިރާންކަމަކަށެވެ. އަދި ޔޫރަޕުގެ އަންހެނަކު އިންޑިއާގެ ފަގީރު ފިރިހެނަކާ ލޯބީގެ ގޮތުން ގުޅިދާނެ ކަމަކަށް އެމީހުން ގަބޫލެއް ވެސް ނުކުރި އެވެ.

އިންޑިއާއިން ބައިސްކަލެއްގައި ސްވިޑަންއަށް ދަތުރުކުރި މީހެއްގެ ވާހަކަ ޕީކޭގެ އަންހެނުން ޗާލޮޓްއަށް އަޑުއިވުމުން، ވަގުތުން އޭނާ ބަލައި ގޮތެންބާގަށް ދިޔައެވެ. އަދި އުފަލާއެކު އޭނާގެ ފިރިމީހާ ބަލައިގަތެވެ. އަދި ޝާހީ އާއިލާއެއްގެ މީހަކު ދޮން ނަސްލު ނޫން މީހަކާ ކައިވެނި ނުކުރެވޭނެ ކަމަށް އޮންނަ ސަގާފަތް އުވާލައި ޗާލޮޓްގެ އާއިލާއިން ޕީކޭ ގަބޫލުކުރި އެވެ.

ޕީކޭ އަދި ޗާލޮޓްގެ މިހާރުގެ ފޮޓޯއެއް ---

އެ ދެ މަފިރިންގެ ކައިވެންޏަށް މިހާރު 40 އަހަރުވެފައިވާއިރު، ދެމީހުންނަށް ލިބުނު ދެކުދިންނާއެކު އުޅެމުންދަނީ ސްވިޑަންގައެވެ. އަދި 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޮޑިޝާ ސްޓޭގައި ހުންނަ އުޓްކަލް ޔުނިވާސިޓީ އޮފް ކަލްޗާރ އިން ވަނީ ޕީކޭ އަށް އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއެއް އެވޯޑްކޮށްފަ އެވެ.

މިއަދު ޑރ. ޕީކޭ މަހަނަންދިއާ އަކީ އިންޑިއާއިން ސްވިޑަންއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރެވެ. އަދި ފަންނުވެރިއެއްގެ ގޮތުގައި ސްވިޑަންގައި މަޝްހޫރުވެފައިވާ ޕީކޭ އަކީ ސްވިޑަންގެ ސަރުކާރަށް އާޓްސް އެންޑް ކަލްޗާގެ ދާއިރާއިން ލަފާ ދިނުމަށް ހުންނަ މަންދޫބެކެވެ.

ޗާލޮޓް އާއި ޕީކޭގެ ލޯބީގެ މިވާހަކައިގެ މައްޗަށް ސްވިޑަންގެ ސަރުކާރުން ޑޮކިއުމަންޓްރީ ތަކެއް ހަދާފައިވާއިރު، ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ވެސް ދަނީ ލޯބީގެ އެ ވާހަކައިގެ މައްޗަށް ބިނާކޮށް ފިލްމެއް ހެދުމަށް ވިސްނަމުންނެވެ.

މައުލޫމާތު:އިންޑިއާ ޓުޑޭ