ޖިންސީ އަނިޔާތަކާ ގުޅިގެން އައިޖީއެމްއެޗުގެ އަސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމުގެ ހަށިގަނޑުގެ އެކި ބައިތަކަށް އަނިޔާވެފައިވާކަން ޕޯސްޓްމޯޓަމްގެ ނަތީޖާއިން ދައްކައިފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޒިޔާދާގެ ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓްގައި ޒިޔާދާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާ ލިބިފައި ހުރިކަން ފާހަގަކޮށްފައިވާ ކަމަށެވެ.

"ކަނައަތުގެ މުލަށް ދަޑި އާއި ވައަތުގެ މުލައްދަޑީގައި ވެސް އަނިޔާލިބިފައި ހުރިކަމުގެ ނިޝަންތަކެއް ހުރި، އަދި ބޮލުގެ އަރިމަތިން ފަހަތަށްވާ ގޮތަށްވެސް އަނިޔާގެ ނިޝާނެއް ހުރި،" ފުލުހުން ބުންޏެވެ.

މީގެ އިތުރުން ޒިޔާދާ ނަޢީމްގެ އެތެރެ ހަށީގެ އެކި ގުނަވަންތަކަށް ލޭއެޅިފައިވާ ކަމަށާއި ޒިޔާދާ ނިޔާވެފައި ވަނީ ސިކުޑީގެ ތެރެއަށް ލޭ އެޅިގެންކަމަށް ބެލެވޭ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗިފް ސުޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޒް ވިދާޅުވީ ޒިޔާދާގެ ޕޯސްޓް މޯޓަމްގެ ފުރިހަމަ ރިޕޯޓެއް ލިބޭނީ ޓޮކްސިކޮލޮޖީ ރިޕޯޓާއި އިތުރު ތަހްލީލުކުރުމަށް ނެގިފައިވާ ސާމްޕަލްތަކުގެ ޓެސްޓްތަކެއް ހެދުމަށްފަހު ކަމަށެވެ.

ޒިޔާދާ ނިޔާވި މައްސަލަ ފުލުހުން ކުރިން ބަލަމުން އައީ ޖިންސީ އަނިޔާކުރި މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް އެ މައްސަލަ މިހާރު ބަލަމުން ދަނީ މަރުގެ މައްސަލައެއްގެ ގޮތުގަ އެވެ.

އެ މައްސަލައިގައި ޒިޔާދާއަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމުތުގައި ފުލުހުން ވަނީ އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު، 40، ހައްޔަރުކޮށްފަ އެވެ.