ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި މިހާރު ވެސް ގިނަ ބަޔަކަށް ކަމުދާ ހިންދީ ލަވައެއް ކަމަށްވާ "ތުޖެ ޔާދުނަ މޭރީ އާއެ"ގެ އަޑުގެ ވެރިޔާ މަންޕުރީތު އަހުތަރު މަރުވެއްޖެ އެވެ.

ޕަންޖާބަށް ނިސްބަތްވާ، އަދި މަޝްހޫރު ޕަންޖާބީ ލަވަތަކެއް ކިޔާފައިވާ 55 އަހަރުގެ މަންޕުރީތު މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި ޕަޓިއާލާގެ ހޮސްޕިޓަލެއްގަ އެވެ.

ހަބަރުތައް ބުނާ ގޮތުން، މަންޕުރީތު މަރުވެފައި ވަނީ ބްރެއިން ހެމަރޭޖު ޖެހިގެންނެވެ.

ލަވަކިޔުންތެރިން ހިމެނޭ އާއިލާއަކަށް ނިސްބަތްވާ މަންޕްރީތު މަރުވި އިރު ދުނިޔޭގައި ދެ ފިރިހެން ކުދިން އެބަ ތިއްބެވެ. އޭނާގެ އެެއް ކުއްޖަކު މިއުޒިކު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ އިރު އަނެއް ކުއްޖަކީ ލަވަކިޔުންތެރިއެކެވެ.

މަންޕުރީތުގެ މަޝްހޫރު ޕަންޖާބީ ލަވަތަކުގެ ތެރޭގައި، ބެރިޔެ ނި، ނިކްދީ ސުއި، އަދި ބަސް އޭކް ގޭރާ ގިދެ ވިޗް ފަދަ ލަވަތައް ފާހަގަކޮށްލެވެ އެވެ.

މައުލޫމާތު: އިންޑިއަން އެކްސްޕުރެސް