18 Jan 2016, 10:52
ގަވާއިދާ ޚިލާފަށް ބިމުން ފެންނަގައި ފެންބޭރުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއިން އަންގައިފި އެވެ.
ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ގަވާއިދުގެ ދަށުން ގަވާއިދާ ހިލާފަށް ބިމުން ފެންނަގައި އެ ފެންބޭރުކުރާނަމަ ޖޫނިމަނާ ކުރެވޭނެ އެވެ. ބިމުން ފެންނަގައި ފެން ބޭރު ކުރެވޭނީ ހުއްދަ ދޫކުރާ ފުރަތަމަ 28 ދުވަހަށް އެޕްލިކޭޝަން ފީއެއްގެ ގޮތުގައި ދުވާލަކަށް 500 ރުފިޔާ ދައްކައިގެން ކަމަށް ގަވާއިދުގައި ބުނެ އެވެ.
އަދި އެ ހުއްދަ އާކުރާ ފުރަތަމަ ފަހަރަށް 1،000 ރުފިޔާ ނަގަ އެވެ. ދެ ވަނަ ފަހަރަށް 1،500 ރުފިޔާ ގެ ފީއެއް ދައްކަން ޖެހޭއިރު ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު ދުވާލަކަށް 2،000 ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.
އީޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެޖެންސީގެ ހުއްދަ ނެތި ބިމުން ފެންނަގައި ފެން ބޭނުން ކުރުމާއި އެޖެންސީން ދީފައިވާ މުއްދަތުގެ ބޭރުން ބިމުން ފެންނަގައި ފެންބޭރުކުރާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން ތަކުރާރުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އީޕީއޭ އިން ވަނީ އަންގާފަ އެވެ.
ގަވާއިދުގައި ވާ ގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތައް 5،000 ރުފިޔާ އާއި 100 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.