ތެލުގެ އާމްދަނީން މުއްސަނދި ވުމުގެ ޒަމާން މާޒީވަމުންދާކަމަށާ ޔުނައިޓެޑް އަރަބް އިމަރޭޓްސް ދަނީ ތެލުގެ އާމްދަނީއަށް ބަރޯސާނުވާނެ އިގްތިސާދެއް ބިނާކުރަމުން ކަމަށް އެގައުމުގެ ނައިބު ރައީސް އަދި ދުބާއިގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އާލް މަކްތޫމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ދުބާއި ލޯކަލް ސަރުކާރުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުހައްމަދު ބިން ރާޝިދު ވިދާޅުވީ ދުބާއިގެ އިގްތިސާދު ތެލަށް ބަރޯސާނުވާ ސިނާޢީ އުފެއްދުންތެރިކަމުގެ އިގްތިސާދެއްގެ ގޮތުގައި މިހާރު ފާޅުވާން ފަށާފައިވާ ކަމުގަ އެވެ. މިގޮތުން ދުބާއިގެ އގްތިސާދުގެ 70 ޕަސެންޓް ބަރޯސާ ވަނީ ތެލަށް ނޫން ކަމަށާއި އެކި ބާވަތުގެ ސިނާއީ އަދި ޓޫރިޒަމާއި އެނޫން ވެސް ޓާޝަރީ ސެކްޓަރުތަކުގެ އުފެއްދުންތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މުޅި ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އަށް ބަލާއިރު ބޮޑުބައި އަދިވެސް ބަރޯސާވަނީ ތެލަށް ކަމަށާ މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް މުހައްމަދު ބިން ރާޝިދު ވިދާޅުވި އެވެ. ޝައިޚް މުހައްމަދު ބިން ރާޝިދު އާލް މަކްތޫމަކީ ދުބާއީ ޒަމާނީ ތަރައްގީއާއި ޒާމާނީ އިންޑަސްޓްރީއާއި ޒަމާނީ ވިޔަފާރީގެ މައިމަރުކަޒަކަށް ހެދި އަރަބި މުފައްކިރުންނާއި ތަޖްރިބާކާރުންގެ ތެރޭގައި ހިމެނޭ މޮޅު ސިކުނޑިއެއްގެ ވެރިއެކެވެ. ދުބާއި މިއަދު އެހިސާބަށް ގޮސްފައި ވަނީ ޝައިޚް މުހައްމަދު ބިން ރާޝިދު މެންފަދަ ދުރުވިސްނޭ ބޭފުޅުންގެ ވިސްނުމާއި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ކޮށްގެންނެވެ. ނަމަވެސް ޔޫއޭއީ އަށް ވެސް ދިމާވެފައިވާ މައްސަލައަކީ ރައްޔިތުން ކަންނެތްވުމާއި ބުރަމަސައްކަތް ކުރުމަށް ފަސްޖެހުމުގެ އިތުރުން ހުރިހާ ކަމެއްގައި ބޭރުމީހުންނަށް ބަރޯސާވުމުގެ މައްސަލަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުދަނީ ދުވަހެއް ދުވަހަކަށް ދަށަށްދަމުންނެވެ. ދެ ހާސް ހަތަރު ވަނަ އަހަށް ފަހު ތެލުގެ އަގު ދަށަށްނުދާހާ މިންވަރަށް މިހާރު ވަނީ ތެލުގެ އަގު ދަށަށްގޮސް ފީފާއަކަށް 29 ޑޮލަރަށް އަގު ވެއްޓިފައެވެ. ތެލުގެ މާކެޓް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އަދިވެސް ތެލުގެ އަގު ދާނީ ދަށަށެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލަފައިވާތީ އީރާން ގެންދަނީ އެގައުމުން މިހާރު ބޭރުކުރާ ތެލުގެ މިންވަރަށް ވުރެ ދުވާލެއްގެ މައްޗަށް 700،000 ފީފާ އިތުރަށް އުފައްދައި އެކްސްޕޯޓް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިކަން މިއަހަރުގެ ފުތަރަމަ ހަތަރު މަސް ތެރޭގައި އީރާނުން ހާސިލް ކުރާނެކަމަށް ބެލެވިފައިވާތީ ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު ފީފާއަކަށް 23 ނުވަތަ 22 ޑޮލަރަށް ދަށަށްދިޔުމަކީ ވަރަށް ގާތްކަމެއްކަމަށް އެބޭފުޅުން ވިދާޅުވެ އެވެ. ތެލުގެ އަގު ދަށަށްދަނީ ޑިމާންޑަށްވުރެ ސަޕްލައި އިތުރުވުމުގެ ސަބަބުންނެވެ.

ތެލުގެ އާމްދަނީ ދަށަށް ދިޔުމުގެ ސަބަބުން ސައޫދީ އަރަބިޔާގެ މިއަހަރުގެ ބަޖެޓްގައި ގާތްގަނޑަކަށް 160 ބިލިޔަން ޑޮލަރުގެ ޑެފިސިޓެއް އުޅޭއިރު ތެލުގެ މުއްސަނދިކަމުގައި ދިރިއުޅޭ ކުވައިތާއި ގަތަރާއި އުމާންގެ ބަޖެޓް ޑެފިސިޓް ވެސް އެތައް ސަތޭކަ ބިލިޔަން ޑޮލަރުން ގުނާލެވެ އެވެ. މިކަމުގެ ސަބަބުން ސައޫދީ އަރަބިޔާއާއި ގަލްފުގެ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރު ދެތިން އަހަރެއްގެ ތެރޭގައި ވަރަށް ބޮޑަށް ފެނިގެންދާނެ އެވެ. މިކަމަށް ޓަކައި މިގައުމުތަކުން ސިނާއީ ސެކްޓަރު ވަރަށްބޮޑަށް ތަރައްގީ ކުރަންޖެހެ އެވެ.

ސައޫދީން ވަނީ ސިނާއީ ސެކްޓަރު ތަރައްގީކޮށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. ނަމަވެސް މިއީ އަމަލީ ގޮތުން ކުރަން ފަސޭހަ ކަމެއްނޫނެވެ. މީގެ އިތުރުން ޚިދްމަތުގެ ސެކްޓަރާއި ޓާޝަރީ އެހެންވެސް ސެކްޓަރުތައް ތަރައްގީ ކުރަންޖެހޭ ކަމަށް ގަލްފުގެ އިގްތިސާދީ ތަޖްރިބާރުންނާއި އެގައުމުތަކުގެ ސަރުކާރުތަކުން ވަނީ ބުނަން ފަށާފަ އެވެ. މިއާއެ ކު ތެލުގެ ޒަމާން މާޒީވަމުންދާ ކަމަށާ ބުރަ މަސައްކަތްކޮށްގެން ނޫނީ މުއްސަނދި ދިރިއުޅުން ދެން ނޫޅެވޭނެކަން ގަލްފުގެ މުއްސަނދި ގައުމުތަކުގެ ރައްޔިތުން އިހްސާސް ކުރަން ޖެހޭ ވަގުތު ގާތްވެއްޖެ ކަމަށް އެ ގައުމުތަކުގެ ތަޖްރިބާކާރުން މިހާރު ދެކެ އެވެ.

ގަލްފުގެ ގައުމުތަކުގެ ތެރޭން ތެލަށް ބަރޯސާ ނުވާ އިގްތސާދެއް ބިނާކުރުމުގެ މަސައްކަތް ވަރަށް ކުރީއްސުރެ ފަށާފައި ވަނީ ޔޫއޭއީ ންނެވެ. ޔޫއޭއީ އަކީ ތެލުގެ މުއްސަނިދކަން ލިބިގެންވާ ގައުމެއް ނަމަވެސް އެއީ ސިނާޢީ ގައުމަކަށް ބަދަލުވަމުންދާ މަރުޙަލާގައިވާ ގައުމެކެވެ. ތެލުގެ އާމްދަނީ ދަށަށްދިޔުމުން އެގައުމުގެ ބަޖެޓަށް ކުރާ ޑެފިސިޓްގެ އަސަރު ގަލްފުގެ އެހެން ގައުތަކާއަޅާބަލާއިރު ކުޑަވާނެ އެވެ.
ޔޫއޭއީގެ ނައިބު ރައީސް އަދި ދުބާއި ގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު ވިދާޅުވި ގޮތުގައި އޭނާ ދެކެން ބޭނުންވަނީ ޔޫއޭއީ އިން އެކްސްޕޯޓްކުރާ ތެލުގެ އެންމެ ފަހުގެ ޝިޕްމަންޓް އެކްސްޕޯޓްކޮށް ނިންމާލުމަށް ފަހު އޭނާގެ ގައުމުން ތެޔޮއެކްސްޕޯޓް ކުރުން މުޅިން ހުއްޓާލާނެ ދުވަހެކެވެ. މިއީ މާދުރުގައި އޮތް ދުވަހަކަށްވެގެން ނުވާނެކަމަށް ވެސް މުހައްމަދު ބިން ރާޝިދު ވިދާޅުވި އެވެ. އަދި ޔޫއޭއީ އިން ތެޔޮ އެކްސްޕޯޓްނުކުރާ ދުވަހަކީ ބޮޑު އީދެއްގެ ގޮތުގައި ފާހަގަކުރަންޖެހޭނެ ދުވަހެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތެލުގެ އާމްދަނީން މުއްސަނދި ވުމުގެ ޒަމާން މާޒީވަމުންދިޔުމުގެ ފަހަތުގައި އެތަށް ސަބަބުތަކެއް ވެ އެވެ. މީގެ ތެރޭގައި ޝެއިލް އޮއިލް ޓެކްނޮލޮޖީ އެމެރިކާ އިން ތަރައްގީކޮށް އެމެރިކާގައި ތެޔޮ އުފައްދާ މިންވަރު ވަރަށްބޮޑަށް އިތުރުކޮށްފައިވުން ހިމެނެ އެވެ. އެހެންކަމުން މިއަދު އެމެރިކާ ވަނީ ހަމައެކަނި ތެޔޮ އިންޕޯޓް ކުރާ ގައުމެއްގެ ބަދަލުގައި ތެޔޮ އެކްސްޕޯޓްކުރާ ގައުމަކަށް ވެފަ އެވެ. މިއާއެކު ގަލްފުގެ ތެލަށް އެމެރިކާ ބަރޯސާވާމިންވަރު މިހާރުވަނީ މާޒީވެފަ އެވެ. އީރާނާ ގާތްވުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް ސައޫދީ އަރަބިޔާ އަޑު އުފުލިނަމަވެސް އެކަމާ މިހާރު އެމެރިކާ އަޅާނުލާ ސަބަބުތަކުގެ ތެރޭގައި ސައޫދީ ތެލަށް އެމެރިކާ ބަރޯސާވާ މިންވަރު ކުޑަވުން ހިމެނެ އެވެ.

މީގެ އިތުރުން ސޯލާ ހަކަތައާއި ވަޔާއި އެނޫންވެސް ސާފު ސޯސްތަކުން އުފައްދާ ތިމާވެއްޓާ ރަހްމަތްތެރި ހަކަތަ އުފައްދާމިންވަރު މުޅި ދުނިޔޭގައިވެސް އިތުރުވެގެންދާ ދިޔުމަކީވެސް ތެލަށް ބަރޯސާމިންވަރު ކުޑަވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އީރާނަކީވެސް ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުން ބަޖެޓް ޑެފިސިޓް ކުރިމަތިވާނެ ގައުމެކެވެ. ނަމަވެސް ފާއިތުވި ތިރީހަކަށް އަހަރު ތެރޭގައި އެމެރިކާއާއި ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަކީ ދަތިހާލުގައި އުޅެންޖެހިފައިވާ ގައުމެކެވެ. އެހެންކަމުން ތެލުގެ އަގު ދަށަށްގޮސްގެން ގަލްފުގެ އަރަބި ގައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ކުރާފަދަ ކުއްލި އަދި ވޭންދެނިވި އަސަރުތަކެއް މިކަމުގެ ސަބަބުން އީރާނުގެ ރައްޔިތުންނަކަށް ނުކުރާނެއެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ސަބަބުން އީރާނަށް ކުރިމަގުގައި ލިބިގެންދާނެކަމަށް ބެލެވެނީ އިތުރު އާމްދަނީ އާއި ތަނަވަސްކަމެވެ.
އީރާނަކީ ދަތިކަމުގައާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އުޅެން އާދަވެފައިވާ ގައުމެކެވެ. އަދި އީރާނަކީ ތެލަށް ބަރޯސާ ނުވުމުގެ އިގްތިސާދެއްވެސް ވަރަށް ކުރީއްސުރެ ބިނާކުރަން ފަށާފައިވާ ގައުމެކެވެ. އީރާނުންވަނީ ނިއުކްލިޔަރ ހަކަތައިން ހަކަތަ އުފެއްދުމާއި ހަތިޔާރާއި ފަޒާގެ ސިނާއަތުގެ ވަރުގަދަ އިންޑަސްޓްރީތަކެއް ބިނާކޮށްފައެވެ. މިކަމުގެ ސަބަބުން ބޭރު ގައުމުތަކުން ހަތިޔާރު ގަތުމަށް ގަލްފުގެ ގައުމުތަކުން ކުރާވަރުގެ ބޮޑެތި ޚަރަދުތައް ކުރަން އީރާނަކަށް ނުޖެހެއެވެ. އަދި ސިނާއީ އުފެއްދުންތެރިކަމާއި ދަނޑުވެރިކަމުގެ އިންޑަސްޓްރީ އެއް ބިނާކުރުމުގެ މަސައްކަތްވެސް ވަރަށް ކުރީއްސުރެ އީރާނުންވަނީ ފަށާފައެވެ. މިކަން ރަނގަނޅަށް ކާމިޔާބު ވެފައިނުވަނީ އެމެރިކާއާއި ޔުރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް މިހާރު އުވާލާފައިވާތީ އީރާނުގެ ރައީސް ހަސަން ރޫހާނީވަނީ ތެލަށް ބަރޯސާ ނުވާ މަދަނީ ސިނާއަތާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ވަރުގަދަ އިންޑަސްޓްރީ ތަކެއް ބިނާކުރަން އީރާން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް އިއްޔެ ވިދާޅުވެފައެވެ. އީރާނާއި ޔޫއޭއީ ން ތެލަށް ބަރޯސާވުން ކުޑަކުރަމުން ގެންދިޔަނަމަވެސް ތެލުގެ އާމްދަނީން އާދަޔާ ޚިލާފު މުއްސަނދިކަމެއް ޙާސިލްކޮށްފައިވާ ގަލްފުގެ ގިނަ އަރަބި ގައުމުތަކުގެ ހާލަތު މިއާ މުޅިން ތަފާތެވެ.
ތެލުގެ އަގު ދިގުމުއްދަތަކަށް ދަށަށް ދިޔުމާއެކު ތެލުން ލިބެމުންދާ އާދަޔާ ޚިލާފު މުއްސަނދިކަން އެގައުމުތަކަށް ގެއްލިގެން ހިނގައްޖެނަމަ ގަލްފުގެ ގިނަ ގައުމުތަކުގައި ހަމަނުޖެހުން އުފެދޭ ހިސާބަށް ކަންތައްތައް ދިޔުމަކީވެސް ދުރުކަމެއްނޫންކަމަށް ތަޖްރިބާކާރުން ކުރީއްސުރެ ބުނަމުން ގެންގޮސްފައިވެއެވެ. ތެލުގެ މުއްސަނދިކަމުގައި ރައްޔިތުން ކަންނެތްވުމާއި ބުރަމަސައްކަތް ކުރުމަށް ފަސްޖެހުމުގެ މައްސަލަ ގަލްފުގެ އަރަބި ގައުމުތަކުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާއިރު އީރާނުގެ ހާލަތު މިއާމުޅިން ތަފާތެވެ. އީރާނަކީ މަސައްކަތްކުރަންކެރޭ އާބާދީއެއް އޮންނަ ގައުމެކެވެ. އެހެންކަމުން ތެލަށް ބަރޯސާނުވާ އިގްތިސާދެއް ބިނާކުރަން ގަލްފުގެ ގައުމުތަކަށްވުރެ އީރާނަށް ފަސޭހަވެގެންދާނެއެވެ.