މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް އިތުރު ބަޔަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

މާލޭގައި ބަހުގެ ހިދުމަތް މިހާރު ދެމުން އަންނަނީ އެމްވީކޭއެވެ. އެ ކުންފުނިން އަންނަނީ ސިޓީ ކައުންސިލްއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން 2011 ވަނަ އަހަރުން ފެށިގެން ބަހުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ މިއަހަރު ތެރޭގައި ސްކޫލް ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު އެހިދުމަތް ފޯރުކޮށްދޭން ހޮވޭ ފަރާތަކަށް އާންމުންނަށް ބަހުގެ ހިދުމަތް ދިނުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"ސްކޫލް ބަހުގެ ހިދުމަތް ދިނުމަށް ހޮވޭ ފަރާތަކަށް އެހެނިހެން މީހުން އުފުލުމުގެ ބަހުގެ ހިދުމަތް ފޯރުކޮށް ދިނުމަށްވެސް ހުއްދަ ދޭން ވަނީ ނިންމާފަ،" ނާފިޒު ވިދާޅުވި އެވެ.

އިތުރު ފަރާތަކުން ބަހުގެ ހިދުމަތް މާލެއަށް ދިނުމަށް ހުއްދަ ދޭން ނިންމާފައިވާއިރު އެހިދުމަތައް ނަގާނެ އަގަކާއި ކަންކަން ނިންމާނީ އެ ހިދުމަތައް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބަލައިގެން ކަމަށް ނާފިޒު ވިދާޅުވިއެވެ.

"މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިމަންނަމެއް ގެންނާނީ މިތައް ބަހޭ، ތިމަންނަމެއް މިހާ ފުރެކްއެންސީގައޭ ތިމަންނަމެއް ފޯރުކޮށްދޭނީ މިވެނި އަގެއްގައޭ، އެހެންވީމަ ވާދަވެރިކަން އޮންނާނެތާ އެއް ޕްރޮޕޯސަލް އަނެއް ޕްރޮޕޯސަލްގައި، އޭގެ ތެރެއިން އަޅުގަނޑުމެންނަށް ހޮވާލެވޭނެތާ އެންމެ ރަނގަޅު ޕާޓީއެއް،" ނާފިޒު ވިދާޅުވި އެވެ.

އަލަށް ފަށާ ބަސް ދަތުރުތަކުގައި ބޭނުންކުރާ ބަސް ހޯދުމާއި ރާއްޖެ ގެނައުމުގެ މަސައްކަތް ހަވާލު ކުރަނީ އިކޮނޮމިކް މިނިސްޓްރީނެވެ. އެ މިނިސްޓްރީން މިހާރުވަނީ އެކަމަށް ހުށަހެޅުމަށް ހުޅުވާލާފަ އެވެ.

ނާފިޒު ވިދާޅުވީ އެ އޮތޯރިޓީން ލަފާ ކުރާގޮތުން ތިން ވަރަކަށް މަސް ތެރޭގައި ރާއްޖެއަށް ބަސްތައް ގެނެވި އެހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހަމަޖެއްސޭނެ ކަމަށެވެ. އެހެން ކަމުން މިއަހަރު ކުރީކޮޅު އެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ނާފިޒު ވިދާޅުވި އެވެ.