ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކުރާ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ޓްރޭނިން ކޭމްޕެއްގައި ބަހްރެއިންއަށް ދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

އެފްއޭއެމްގެ އަންހެން ފުޓްބޯޅަ ޑިޕާޓްމެންޓްގެ އިސްކޮށް އުޅުއްވާ މަރްޔަމް މުޙައްމަދު (މާޔަން) ވިދާޅުވީ ޓީމު ބަހްރެއިންއަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރުދުވަހު ކަމަށާއި ބަހްރެއިންގައި ހަތް ދުވަހުގެ ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހފައިވާ ކަމަށެވެ.

މާޔަން ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފަހު އޮކްޓޫބަރު މަހުގައި 30 ކުޅުންތެރިންގެ ސްކޮޑެއް އެކުލާވާލައިގެން ފަރިތަ ކުރުންތައް ކުރިއަށް ގެންދާ ކަމަށެވެ.

ޓްރޭނިން ކޭމްޕުގައި ޤަވާއިދު ޕްރެކްޓިހުގައި ބައިވެރިވާ 27 ކުޅުންތެރިޔަކު ބައިވެރިވާނެ ކަމަށާއި އޭގެ ތެރެއިން ސާފް ގޭމްސްގައި ވާދަ ކުރުމަށް ނަގާ 20 ކުޅުންތެރިން ނަގާނީ ޓްރޭނިން ކޭމްޕަށް ފަހުގައި ކަމަށް ގައުމީ ޓީމުގެ ކޯޗް ޖަޕާނުގެ ނަވަމޯކޯ ކަވަމޯޗޯ (ރިއޯ ކޯޗް) ފާހަގަ ކޮށްފައިވާ ކަމަށެވެ.

ބަހްރެއިންގެ ދަތުރަށްފަހު ޓީމު އެބުރި މާލެ އަންނަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

މިމަހު ތިން ވަނަ ދުވަހު ކުޅިވަރުގެ ގައުމީ މަޖިލީހުން ކަނޑައެޅާފައިވާ ގޮތުން ސާފް ގޭމްސްގައި ސަރުކާރުގެ ޚަރަދުގައި ފޮނުވާ ލިސްޓުގައި ގައުމީ އަންހެން ޓީމެއް ނުހިމެނެ އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަނީ އަންހެން ފުޓްބޯޅާ ޓީމާއި އަންހެން ހޭންޑްބޯލްގެ އިތުރުން، ފިރިހެން ބާސްކެޓް ޓީމު ސަރުކާރުގެ ޚަރަދުގައި ގޭމްސްއަށް ފޮނުވާ ގޮތަށް ނިންމާފައެވެ.