ފިނޭންސް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ އަޙްމަދު ޢިނާޒަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމުގެ މައްސަލައިގައި އޭނާގެ ނަން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނާޒްގެ ނަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދިނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހަށް އިއްވެވުމުން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް ވިދާޅުވީ، އެނަންފުޅު ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވެވީ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މި މަހުގެ 10 ވަނަ ދުވަހު ފިނޭންސް މިނިސްޓަރުކަމަށް އަހްމަދު އިނާޒް އައްޔަން ކުރައްވާފައި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި އަލީ ހާޝިމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބި، 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހު އޭނާ އިސްތިއުފާ ދެއްވުމަށް ފަހު ގިނަ ދުވަސްތަކެއް ވުމަށް ފަހު އެވެ.

މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް އިނާޒްގެ ނަން މަޖިލީހަށް ހުށަހަޅާފައި މިވަނީ މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ޑޮލަރުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ސަރުކާރުގެ މާލީ ސިޔާސަތު ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ މެންބަރުން އިނާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ސަރުކާރުން ޑޮލަރުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ، ފިނޭންސް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ އިނާޒަކީ އެއްވެސް ތަޖުރިބާއެއްނެތް ބޭފުޅެއް ކަމަށެވެ. އަދި އޭނާއަށް ޑޮލަރަކީ ކޯއްޗެއްކަން ނޭނގޭ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

ފިނޭސް މިނިސްޓަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އިނާޒް ހުންނެވީ މިނިސްޓަރު އޮފް ސްޓޭޓްފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގެ މަގާމުގަ އެވެ.