ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ދައުވާގެ މައްސަލައާ ގުޅިގެން ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަންކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި އެވެ.

މައްސަލާގެ މައުލޫމާތު ސާފުކުރުމަށް މިއަދު ނުވައެއްޖެހި އިރު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން މަހުލޫފު ވިދާޅުވީ ބެލެވޭގޮތުން ދައުވާ އުފުލާފައި ވަނީ އަނިޔާވެރިންކަން ނިންމަން ކުރި މުޒާހަރާގައި އޭނާ ހައްޔަރުކުރި ކަތައްތަކާ ގުޅިގެން ކަމަށެވެ.

މައްސަލައިގެ ފުރަތަމަ އަޑުއެހުން ފެބްރުއަރީ 11 ވަނަ ދުވަހު 14:00 ގައި އޮންނާނެ ކަމަށް ކޯޓުން ވަނީ މަހުލޫފަށް މައުލޫމާތުދީފަ އެވެ. މަހުލޫފު ވިދާޅުވީ "އަޅުގަނޑު މިހިރީ މިކަމައިގެން ކުރިއަށް ދާން" ކަމަށެވެ.

މަހުލޫފު ވިދާޅުވީ މިހެން ކުރާ ކޮންމެ ދައުވާއަކާ ގުޅިގެން ވަކީލަކު އައްޔަން ކުރުމަކީ ބޮޑު ހަރަދެއް ކަމަށެވެ. އެހެންކަމުން ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަންކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ފަހު މީޑިއާއަށް މައުލޫމާތުދެއްވަނީ -- ސަންފޮޓޯ -- ޔޫސުފް ސޮފްއާން

"މިހެން ކުރާ ކޮންމެ ސިޔާސީ ކަމަކަށް އަޅުގަނޑުމެންނަށް ދެން އަބަދަކު ވަކީލުންނެއް ނުހޯދޭނެ ދޯ. ވަކީލަކު ހޯދަންވެއްޖެއްޔާ ވެސް ވަކީލުން ވެސް ވަރަށް ބޮޑެތި އަގު މިކިޔަނީ. އަޅުގަނޑު އެދުނިން ކޯޓު މެދުވެރިކޮށް ދައުލަތުގެ ފަރާތުން އަޅުގަނޑަށް ވަކީލަކު ހަމަޖައްސައި ދިނުމަށް. އެބޭފުޅުންގެ ވާހަކަ ހުރި ގޮތުން އަޅުގަނޑަކަށް ހިޔެއް ނުވޭ އެކަން ކޮށްދީފާނެ ހެނެއް،" މަހުލޫފު ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖެއްސުމުގެ އުސޫލުގައިވާ ގޮތުން ވަކީލުން ހަމަޖައްސައިދޭނީ ވަކި މައްސަލަތަކެއްގަ އެވެ. އޭގެތެރޭގައި ޓެރަރިޒަމްގެ މައްސަލަތަކާއި، މަރުގެ މައްސަލަތައް އަދި އުމުރަށް ޖަލަށްލުމަށް ހުކުމް ކުރެވޭ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތައް ހިމެނެ އެވެ.

މަހުލޫފުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއްނުވެ އެވެ. މީގެ ކުރިން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި މިދިޔަ އަހަރު މަހުލޫފު ވަނީ އެކި ފަހަރު މަތިން ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ވެސް ބަހައްޓައިފަ އެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ކައިރި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ބެރިކޭޑް ފަޅާލައި ގަދަކަމުން ވަދެގަތުމުގެ ތުހުމަތުގައި މަހުލޫފު އެރޭ ވަނީ ހައްޔަރުކޮށްފަ އެވެ.

އޭގެ ފަހުން ފުލުހުންގެ ބަނދުގައި މަހުލޫފު ބެހެއްޓުމަށް ފަހު ދޫކޮށްލާފައި ވަނީ ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ހައި ކޯޓުން ހުކުމް ކުރުމުންނެވެ.