18 Jan 2016, 09:51
ވޮޝިންޓަން (ޖެނުއަރީ 18): "ޑރ. ޑެތް"ގެ ނަމުން މަޝްހޫރުވެފައިވާ އެމެރިކާގައި މަސައްކަތް ކުރާ އިންޑިއަން އޮރިޖިން ސައިކޭޓްރިސްޓަކު 36 ބަލި މީހަކު މެރުމުގެ ކުށުގައި ހައްޔަރުކޮށްފި އެވެ.
ޖޯޖިއާ ސްޓޭޓްގެ ކްލޭޓަން ކައުންޓީގައި މަސައްކަތް ކުރަމުން ދިޔަ ނަރެންދުރަ ނަގާރެޑީގެ ފަރުވާދެމުން ދިޔަ ބަލިމީހުންގެ ތެރެއިން 36 މީހުން މަރުވީ ނަރެންދުރަ ލިޔެދިން ބޭހުގެ ސަބަބުންނެވެ. އޭގެ ތެރެއިން 12 މީހަކު މަރުވީ މާގިނައިން ބޭސް ކެއުމުން އޯވަޑޯޒް ވެގެންނެވެ.
"އޭނާއަކީ އޮޕިއޭޓްސްއާއި ބެންޒޯޑައެޒެޕިން [ކޮންޓްރޯލްޑް ޑްރަގްސް] ބަލިމީހުންނަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ދެމުން އައި ޑޮކްޓަރެއް. އޭނާގެ މައްޗަށް ކޮށްފައި ވަނީ ބަލިމީހާ އަށް ބޭނުން ނުވާ ބޭސް، ސައިކޭޓްރިސްޓެއްގެ ހައިސިއްޔަތުން ދިން ކަމުގެ ދައުވާ،" އޮފިޝަލަކު ވިދާޅުވި އެވެ.
ކޯޓު ލިޔުންތަކުގައިވާ ގޮތުން، "ޑރ. ނަގާރެޑީ ފަރުވާދެމުން ދިޔަ މީހުންގެ ތެރެއިން 36 ބަލި މީހުން ވަނީ 'ކޮންޓްރޯލްޑް ބޭސް' ބޭނުން ކުރުމުގެ ތެރޭގައި މަރުވެފައި. އޭގެ ތެރެއިން 12 މީހަކު މަރުވީ ބޭސް މާގިނައިން ބޭނުން ކުރުމުން ކަމަށް އޮޓޯސްޕީ ރިޕޯޓުތަކުން އެނގިގެންދާ" ކަމަށެވެ. (ޕީޓީއައި)