18 Jan 2016, 11:56
ސްޕެނިޝް ލަލީގާގައި އެންމެ ކުރީގައި އޮތް ތިން ޓީމު ރޭ ކުޅުނު މެޗުތަކުން ވެސް ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ.
ރެއާލް މެޑްރިޑް 5-1 ނަތީޖާ އަކުން ސްޕޯޓިން ގިޖޯން އަތުން މޮޅުވި އިރު ލުއިސް ސައަރޭޒް ކާމިޔާބު ކުރި ހެޓްރިކާ އެކު ބާސެލޯނާ ވަނީ 6-0 ގެ ނަތީޖާ އަކުން ދިހަ ކުޅުންތެރިންނާ އެކު ކުޅުނު އެތުލެޓިކޯ ބިލްބާއޯގެ މައްޗަށް ކުރި ހޯދާފަ އެވެ. އަދި އެތުލެޓިކޯ މެޑްރިޑުން ވަނީ 3-0 ގެ ނަތީޖާއަކުން ލަސް ޕަލްމްސްގެ މައްޗަށް ކުރި ހޯދާފަ އެވެ.
ރޭގެ ނަތީޖާތަކަށް ފަހު އެތުލެޓިކޯ ކުޅުނު 20 މެޗުން 47 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއް ވަނާގައި އޮތް އިރު 19 މެޗުން 45 ޕޮއިންޓް އެއްކޮށްގެ ބާސާ އޮތީ ދެވަނާގަ އެވެ. ރެއާލް އިން ކުޅުނު 20 މެޗުން 43 ޕޮއިންޓް ލިބިގެން އެ ޓީމު އޮތީ ތިން ވަނާގަ އެވެ.
ރެއާލްގެ ބާނަބިއު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ކުރިސްޓިއާނޯ ރޮނާލްޑޯއާއި ކަރިމް ބެންޒެމާ ދެ ގޯލް ކާމިޔާބު ކުރި އިރު ގެރެތު ބޭލް ވަނީ އެއް ގޯލު ކާމިޔާބް ކޮށްފަ އެވެ. އެ މޮޅާ އެކު ރެއާލް އިން ވަނީ އެ ޓީމުގެ ކޯޗުކަމާއި ޒިދާން ހަވާލުވި ފަހުން ކުޅުނު ދެ މެޗުން ވެސް ބޮޑު ތަފާތަކުން މޮޅުވެފަ އެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް އާއި ސްޕޯޓިން ކުޅުނު މެޗުގައި ރޮނާލްޑޯ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ
"މި ޓީމާއި ދޭތެރޭގައި އަހަރެންނަށް ވަރަށް ބޮޑު އިތުބާރެއް އިބައޮތް. ޖެހިޖެހިގެން ދެ މެޗުގައި ފަސް ގޯލު ކާމިޔަބް ކުރުމަކީ ފަސޭހަ ކަމެއް ނޫން. ރޮނާލްޑޯ އާއި ބޭލް އަދި ބެންޒެމާގެ އިތުރުން މުޅި ޓީމުގެ ކުޅުމާއި ދޭތެރޭގައި ވެސް ވަރަށް ހިތްހަމަ ޖެހިފަ މިހުރީ،" މެޗަށްފަހު ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ.
އެ މެޗުގައި އަނިޔާ ވެގެން ބޭލް ދަނޑުން ބޭލި އިރު ޒިދާން ބުނީ ބޭލް އަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ނޭންގޭ ކަމަށާއި ޓެސްޓް ތަކަށް ފަހު މިއަދު އިނގޭނެ ކަމަށެވެ.
އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ އެއްވަނައަށް އެރިއިރު އެ ޓީމުގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނީ ތަވާލުގެ ކުރީގައި އޮތުމަށް ރޭގެ މެޗަކީ މޮޅުވުން ވަރަށް މުހިންމު މެޗަކަށް ވީއިރު ކުޅުންތެރިން އެ ކަން ދެނެގެން ކުޅުމުން ނަތީޖާ ހާސިލް ވެއްޖެ ކަމަށެވެ.

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯގެ ތިން ވަނަ ގޯލު ގުރިޒްމެން ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ
ރޭގެ މެޗުގައި އެތުލެޓިކޯއަށް ގޯލު ހުޅުވާލައިދިނީ ފިލިޕް ލުއިސްގެ ގޯލުންނެވެ. އަނެއް ދެ ގޯލު ކާމިޔާބް ކޮށްދިނީ އެންޓޯނިއާ ގުރިޒްމެން އެވެ.
ބާސެލޯނާގެ ކޭމްޕް ނޯގައި ރޭކުޅުނު މެޗުގެ ކުރީ ކޮޅުގައި އެތުލެޓިކް ކުލަބުގެ ގޯކާ މޮރީނޯ ސުއަރޭޒް އަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
އެގޮތުން ބާސާ އަށް ލިބުނު ޕެނަލްޓީ ލިއޮނަލް މެސީ ގޯލުގެ ތެރެއަށް ފޮނުވާލިއިރު ނޭމާ އާއި ރަކިޓިކިޗް އަނެއް ދެ ގޯލު ވަނީ ކާމިޔާބް ކޮށްދީފަ އެވެ. ބާސާގެ އަނެއް ތިން ގޯލު ސުއަރޭޒް ކާމިޔާބުކޮށް އޭނާ ވަނީ އެ މެޗުގައި ހެޓްރިކެއް ހަދާފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗު ލުއިސް އެންރިކޭ ބުނީ އެ ޓީމަށް ލިބުނު ޕެނަލްޓީއާ ހިސާބުން މުޅި މެޗު އެނބުރިގެން ދިޔައީ ކަމަށާއި ދިހަ ކުޅުންތެރިންނާއި ދެކޮޅަށް ކުޅެން ޖެހުމުން ފަސޭހަ ވެގެން ދިޔައީ ކަމަށެވެ.