18 Jan 2016, 09:35
ޕާކިސްތާނުގައި 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އޭނާގެ އަމިއްލަ އަތް ބުރިކޮށްލި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ އަވަށެއްގެ މިސްކިތެއްގެ އިމާމަކު ހައްޔަރުކޮށްފި އެވެ.
ޝަބީރު އަހްމަދު ނަމަކަށް ކިޔާ މި އިމާމު ހައްޔަރުކޮށްފައި ވަނީ، އޭނާ މިދިޔަ ހަފްތާގެ ހުކުރު ދުވަހު މިސްކިތުގައި ޚުތުބާ ދިނުމުގެ ތެރެއިން ހިނގި ކަމަކާ ގުޅިގެންނެވެ. ކީރިތި ރަސޫލާ ދެކެ ލޯބި ނުވާ މީހަކު ހުރިތޯ އޭނާ ސުވާލު ކުރުމާ އެކު، އެ ސުވާލު ސާފުކޮށް އަޑު ނީވި، ކުޑަ ފިރިހެން ކުއްޖަކު އަތް މައްޗަށް ނެގުމުން، މިސްކިތުގެ އިމާމު ޝަބީރު އަހްމަދު ވަނީ އެ ކުއްޖާއަކީ ކާފިރެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.
މިސްކިތުގެ ޖަމާޢަތެއްގެ ތެރޭގައި ކުޑަ ކުއްޖާއާ ދިމާލަށް ކާފަރެކޭ ގޮވައި ހަމަނުޖެހުން ހިންގުމަށް އިމާމު ޝަބީރު ހިތްވަރު ދިނުމާ ގުޅިގެން، ކުޑަ ކުއްޖާ އެނބުރި އޭނާގެ ގެއަށް ގޮސް، އަމިއްލަ އަތް ބުރި ކޮށްލި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ޕާކިސްތާނުގެ ފުލުހުން ބުނީ، 15 އަހަރުގެ ފިރިހެން ކުއްޖާ އޭނާ އަމިއްލަ އަތް ބުރިކޮށްލަން މެދުވެރި ކުރުވި ސަބަބަކީ، އެ ކުއްޖާއަށް ސުވާލު ސާފުކޮށް އަޑު ނީވި އަތް މައްޗަށް ނެގުމުގައި ކުށެއް ކުރެވުމުން، މިސްކިތުގެ އިމާމު ހަމަނުޖެހުމަށް ހިތްވަރުދީ ދެއްކި ވާހަކަތައް ކަމަށެވެ. އެހެންކަމުން، ފުލުހުން ވަނީ އެ އިމާމުގެ މައްޗަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދަޢުވާ ކޮށްފަ އެވެ.
މަސްދަރު: ދަ އެކްސްޕްރެސް ޓްރިބިއުން ޕާކިސްތާން