18 Jan 2016, 09:12
މެދު އިރުމަތީގެ މުއްސަނދި ގައުމެއް ކަމަށްވާ ގަތަރުން ފަލަސްތީނުގެ ޣައްޒާގައި އަޅައިދިން 1000 އަށްވުރެ ގިނަ ގެ ނިންމައި އާއިލާތަކާ ހަވާލުކޮށްފި އެވެ.
މި ގެތަކަކީ ގަތަރުގެ ކުރީގެ ވެރިޔާ ޝެއިހް ހަމަދު ބިން ކަލީފާ އަލް ތާނީ 2012 ވަނަ އަހަރު ޣައްޒާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ތަނުގައި އަޅުއްވައިދެއްވާނެ ކަމަށް އިއުލާންކުރެއްވި 3000 އެޕާޓްމަންޓް ކޮމްޕްލެކްސްގެ ތެރެއިން ފުރަތަމަ ބުރުގައި އެޅި ގެތަކެކެވެ.
ކުދި އާމްދަނީ ލިބޭ އާއިލާތަކަށް ޣައްޒާގެ ޓައުނެއްގައި ކަމަށްވާ ޚާން ޔޫނިސްގައި އަޅައިދިން 1060 ގެ އާއިލާތަކާ ހަވާލުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އިސްރާއީލުން 2014 ވަނަ އަހަރު ޣައްޒާއާ ދެކޮޅަށް ދިން ވަރުގަދަ ހަމަލާތަކަށް ފަހު 18 މަސްވެފައިވާ އިރު، ގެދޮރުނެތި ބިކަހާލުގައި ޖެހިފައިވާ އެއް ލައްކައަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން އެބަތިއްބެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު ވެސް ބޯހިޔާވަހިކަން ހޯދަމުންދަނީ ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރޭގަ އެވެ.
ފަލަސްތީނަށް މުދަލާ މީހުން ވަންނަ އޮތް މަގު އިސްރާއީލާ މިސްރުން ބަންދުކުރުމުގެ ސަބަބުން އިގްތިސާދީ ކުރިއެރުންތަކަށް ފިންތުންތަކެއް ކުރިމަތިވެފައިވާ ޣައްޒާ އަލުން އިމާރާތްކުރުމުގެ މަސައްކަތުގައި ގަތަރުގެ ބައިވެރިވުން ވަރަށް ބޮޑެވެ.
އެގޮތުން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައަށް ފަހު، ގަތަރުން ވަނީ ޣައްޒާގައި އިމާރާތްކުރުމުގެ ޕްރޮޖެކްޓްތަކަށް އެއް ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރުމަށް ނިންމާފަ އެވެ.
އޭގެ ތެރެއިން 50 މިލިއަން އެމެރިކާ ޑޮލަރު ހަމަލާތަކުގައި ހަލާކުވި ގެތައް އަލުން އިމާރާތްކުރުމަށް އެގެތަކުގެ ވެރިންނަށް ދީފައިވާއިރު، ދެ ސްކޫލަކާއި ހެލްތް ސެންޓަރަކާއި ކޮމާޝަލް ސެންޓަރެއްގެ އިތުރުން މިސްކިތަކާ އެ ސްޓޭޓްގެ މަގުތައް ހަދައިދޭން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ޢައްޒާގައި އަޅައިދޭ ހަ ބުރީގެ ޒަމާނީ ހޮސްޕިޓަލެއްގެ މަސައްކަތް ވެސް ނިންމާ ހުޅުވުމަށް ވަނީ ތައްޔާރުވަމުންނެވެ.
"ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި ދަނޑުވެރިކަމާއި ގެދޮރު އިމާރާތްކުރުމުގެ އިތުރުން އެއްކޮށް ހަލާކުވެފައިވާ ގެތައް އަލުން އިމާރާތްކުރުމުގެ ދާއިރާތަކުން ގަތަރުން ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދޭނަން،" ގަތަރުގެ މަންދޫބު މުހައްމަދު އަލް އަމާދީ ރޮއިޓާސް އަށް ވިދާޅުވެފައިވެ އެވެ.
އިމާރާތްކުރުމަށް ބޭނުންވާ ބައެއް ސާމާނު ޣައްޒާއަށް އެތެރެކުރުމުގައި އިސްރާއީލުން ގެންގުޅޭ ހަރުކަށި އުސޫލުގެ ދަށުން ދިމާވާ އުނދަގޫތަކުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތަށް އަސަރުތަކެއް ކުރެ އެވެ.
ޣައްޒާގެ ރައްޔިތުންނަށް ގަތަރުން ގެތަކެއް އަޅައިދީފައިވާ އިރު، އިންޑޮނޭޝިއާ އިން ފަންޑުކޮށްގެން ހަދާފައިވާ ހޮސްޕިޓަލެއް ވަނީ މިދިޔަ މަހު ޣައްޒާގައި ހުޅުވާފަ އެވެ. މިއީ އަހަރުތަކެއް ފަހުން އެ ސަރަހައްދުގައި އާ މެޑިކަލް ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ.
މައުލޫމާތު: ރޮއިޓާސް/ އަލް އަރަބިއްޔާ