18 Jan 2016, 00:16
އެއް ކްލަބަކަށް ކުޅެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލެވުމަށްވުރެ ބޮޑަށް، ލިވަޕޫލްގެ ގޯލަށް ލަނޑެއް ކާމިޔާބުކުރެވުމުން އުފާވިކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ ބުނެފިއެވެ.
އާދީއްތަ ދުވަހު، ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި އެޓީމާ ދެކޮޅަށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ޕްރިމިއަ ލީގު މެޗުން 1-0 ލަނޑުން ޔުނައިޓެޑް މޮޅުވި ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 12 ވަނަ މިނިޓަށް ވެފައި ވަނިކޮށް، އެޓީމަށް ކާމިޔާބުކޮށްދިނީ ރޫނީއެވެ. މިއީ އެންފީލްޑް ސްޓޭޑިއަމްގައި އޭނާ ލިވަޕޫލު ކޮޅަށް ޖެހި ފުރަތަމަ ލަނޑު 2005 ވަނަ އަހަރުގެ ޖެނުއަރީގައި ކާމިޔާބުކުރި ފަހުން، އޭނާއަށް އެ ދަނޑުގައި ލިވަޕޫލް ކޮޅަށް ކާމިޔާބުކުރެވުނު ފުރަތަމަ ލަނޑެވެ.
ރޫނީ ބުނީ، ލިވަޕޫލްގެ އަމިއްލަ ދަނޑުގައި އެޓީމު ބަލިކޮށްލެވުމުން އެ ކުރެވޭފަދަ އިހްސާސެއް، އާސެނަލްއަށް ކުޅުނު މުއްދަތުގައި ޖުމުލަ 175 ލަނޑު ކާމިޔާބުކޮށްގެން ތިއެރީ އޮންރީ ގާއިމުކޮށްފައިވާ ލަނޑުގެ ރެކޯޑް މުގުރާލެވުމުން ވެސް ނުކުރެވޭ ކަމަށެވެ.
"ރެކޯޑެއް މުގުރާލެވުމަކީ ވަރަށް ފޮނި އިހްސާސްތަކެއް ކުރެވޭނޭ ކަމެއް. އެކަމަކު މިހާރު އަހަންނަށް މިކުރެވޭ އިހްސާސާ އެއްވަރެއް ނުވާނެ،" މީގެ 10 އަހަރު ކުރިން ލިވަޕޫލް ކޮޅަށް ޖެހި ލަނޑަށްފަހު، އާދީއްތަ ދުވަހުގެ މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑާ ބެހޭގޮތުން ރޫނީ ބުންޏެވެ.
ރޫނީ ބުނީ، ލީގުގެ ކޮންމެ ހިސާބެއްގައި ޔުނައިޓެޑް އޮތް ނަމަވެސް، ލިވަޕޫލާ ދެކޮޅަށް އެ ކްލަބު ކުޅޭ މެޗަކީ އަބަދުވެސް ވަރަށް މުހިއްމު މެޗެއް ކަމަށާއި، އެގޮތުން މިއަދު ލިވަޕޫލް އަތުން މޮޅުވެގެން ލިބުނު 3 ޕޮއިންޓަކީ މިއަހަރު ޔުނައިޓެޑް ކާމިޔާބު ކަމާއެކު ކުރިއަށް ދިއުމަށް ވަރަށް މުހިންމު 3 ޕޮއިންޓް ކަަމަށެވެ.