އުތުރު އެމެރިކާގެ ގައުމެއް ކަމަށްވާ ޗިލީއަށް ނިސްބަތްވާ ސަންޓަ މެރިއާ އައިލެންޑަށް ގިނަ އަދަދެއްގެ މަރުވެފައިވާ ބޮޑެތި ބޯވަދިލަމަސްތަކެއް ލައްގަމުންދާތާ ހަފްތާއެއް ވެއްޖެ އެވެ.

އެހާ ގިނަ އަދަދެއްގެ ބޯވަދިލަ މަސްތަކެއް މަރުވެފައިވާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.

ނަމަވެސް އެ ރަށުގެ ގޮނޑުދޮށަށް މަރުވެގެން މިހާތަނަށް ލައްގާފައިވާ ގާތްގަނޑަކަށް 10،000 އެއްހާ ބޯވަދިލަމަސްތައް ކުނިވެ އޭގެ ވަސް ރަށުތެރެއަށް ފެތުރިފައިވާއިރު، ސިއްހީ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުވަނީ ބޮޑުވެފަ އެވެ.

ޗިލީގެ ނެޝަނަލް ސާވިސް ފޮ ފިޝަރީޒް އެންޑް އެކުއަކަލްޗަރުގެ ޓެކްނީޝަނުން ދަނީ މަރުވެފައިވާ ބޯވަދިލަމަސްތަކާއި ފެނުގެ ސާންޕަލްތަކެއް ނަގައި ހާއްސަ ސެންޓަރެއްގައި އެ އެއްޗެހި ތަހުގީގު ކުރަމުންނެވެ.

ކަމާބެހޭ މާހިރު ބުނާ ގޮތުން، މަރުވެގެން އެހާ ގިނަ އަދަދެއްގެ ބޯވަދިލަ މަސްތަކެއް ލައްގަމުންދަނީ މޫދު ތަގައްޔަރުވުމުގެ އިތުރުން ލޮނުފެނުގެ ފިނިހޫނުމިން ހުންނަންޖެހޭ ވަރަށް ވުރެއް މައްޗަށް ދިއުމުންނެވެ. އަނެއް ބަޔަކު ބުނަމުން ދަނީ އެއީ މޫސުމާއި ފެނުގެ އޮކްސިޖަން މަދުވުމުން ކަމަށެވެ.

އަހަރުގެ މިހާތަނުގައި ޗިލީގެ ދެކުނުގައި އޮންނަ ސަންޓާ މަރިއާގެ ގޮނޑުދޮށަށް މަރުވެގެން މަހާއި ބޯވަ ނިސްބަތްވާ ޖަނަވާރުގެ އާއިލާ، މޮލަސްކްސް ލެއްގުމަކީ އާކަމެއް ނޫނެވެ. ނަމަވެސް މިއީ މިހާ ގިނަ އަދަދަކަށް މަރުވެފައިވާ މަސްތަކެއް ލެއްގި ފުރަތަމަ ފަހަރެވެ.

ކަމާބެހޭ މާހިރުންނާއި ޗިލީގެ ފުލުހުން ދަނީ ސިއްހީ ކުއްލި ހާލަތެއް ދިމާވުމުގެ ކުރިން މަރުވެފައިވާ ބޯވަދިލަ މަސްތައް ނައްތާލުމުގެ މަސައްކަތް މިހާރު ކުރަމުންނެވެ.