ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިނުގެންފިނަމަ އާއިލާގެ ބޭފުޅަކު ޒިންމާ ނަގަންޖެހޭ ގޮތަށް ލިޔުމެއްގައި ސޮއިކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުނުވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފިއެވެ.

މިރޭ އެމްޑީޕީ އޮފީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެންގި ދެ ލިޔުމެއްގައި ރައީސް ނަޝީދު މިރޭ ސޮއިކުރައްވާފައިވާ ކަމަށެވެ.

އެ ލިޔުމުގައި ރައީސް ނަޝީދު ސޮއިކުރެއްވީ، ރައީސް ނަޝީދުގެ ހަތަރު ގާނޫނީ ވަކީލުންނާއި ކަރެކްޝަނަލް ސާވިސްގެ ތިން އޮފިސަރުންގެ ހާޒިރުގައި ކަމަށެވެ.

ރައީސް ނަޝީދު ސޮއިކުރެއްވި ދެ ލިޔުމުގައި އިގުރާރުވި ކަންތައް

  • ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނަވާތަނެއް ސަރުކާރަށް އަންގާނެކަމަށް.
  • ބޭސްފަރުވާގެ ކަންތައް ނިމުމުން 30 ދުވަސްތެރޭ އެނބުރި މާލެ ވަޑައިގަންނަވާނެކަން.
  • ސަރުކާރުން ބޭނުންވެއްޖެނަމަ ބޭސްފަރުވާ ކުރިއަށްދާގޮތުގެ މައުލޫމާތު ދޭނެ ކަމަށް.
  • އާއިލާގެ ބޭފުޅުންގެ ތެރެއިން ލިޔުމުގައި ސޮއިކުރާ ބޭފުޅަކު ބޭސްފަރުވާގެ ކަންތައް ނިމުމުން ރައީސް ނަޝީދު މާލެ ގެނެސް އަނބުރާ ކަރެކްޝަންސްއާ ހަވާލުކުރާނެ ކަމަށް.

ރައީސް ނަޝީދު އެ ދެ ލިޔުމުގައި ސޮއިކުރެއްވުމުގެ އިތުރުން ތާރީޚާއި އިނގިލީގެ ނިޝާން ވެސް ޖައްސަވާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިނުގެންފިނަމަ ޒިންމާ ނަންގަވަންޖެހޭނެ ކަމަށް އެމަނިކުފާނުގެ އާއިލާގެ ބޭފުޅަކު ލިޔުމުގައި ސޮއިކުރަންޖެހޭނެ ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ ލިޔުމުގައި އާއިލާ އިން ސޮއިކުރަން ރައީސް ނަޝީދު ދެކޮޅު ހައްދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވަނީ ރައީސް ނަޝީދު ބޭނުންފުޅެއް ނޫނޭ އާއިލާގެ އެއްވެސް ބޭފުޅަކު އެފަދަ ޒިންމާއެއް ނަގަންޖެހޭގޮތަކަށް ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާކަށް. ރައީސް ނަޝީދު މިހުންނެވީ ސޮއިކުރައްވަންޖެހޭ އެއްޗެއްގައި ސޮއިކޮށްގެން ވަޑައިގަންނަވާ ގޮތަށޭ

ހަސަން ލަތީފް

އެ ލިޔުމުގައި ސޮއިކުރަން އާއިލާ އިން ދެކޮޅު ހެދީތޯ ދެންނެވުމުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ވިދާޅުވީ، އާއިލާ އިން އެ ލިޔުމުގައި ސޮއިކުރަން ބޭނުންފުޅު ނުވަނީ ރައީސް ނަޝީދު ކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުންނަށް ސޮއިކުރަން އުޅޭ ލިޔުން މިހާތަނަށް ހަވާލުކޮށްފައިނުވާ ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.

ހިސާން ވިދާޅުވީ، ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ އާއިލާގެ ބޭފުޅެއް ލައްވައި ލިޔުމުގައި ސޮއިކުރުވަން އުޅެނީ ވަގުތީގޮތުން ގައިދީން ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށެވެ. ނަމަވެސް އާއިލާގެ ބޭފުޅަކު އަމިއްލައަށް މާލޭގައި ބަންދުވެގެން ހުންނަންޖެހޭގޮތަކަށް އެ ގަވާއިދުގެ ދަށުން ލިޔުމެއްގައި ސޮއިނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.