17 Jan 2016, 22:48
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ފޮނުވަން ސަރުކާރުން އެއްބަސްވުމުން ކޮމަންވެލްތުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
ކޮމަންވެލްތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޭސްފަރުވާއަށް ނަޝީދު ބޭރަށް ފޮނުވަން އެއްބަސްވުމުން އެކަމާ ހިތްހަމަ ޖެހޭ ކަމަށެވެ. އެ ނިންމުމުގެ ސަބަބުން ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތަކާ ދެމެދު ރަނގަޅު މާހައުލެއް އުފެދުމަށް މަގުފަހިވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
"...ކޮމަންވެލްތުން އުއްމީދުކުރަނީ ސަރުކާރުގެ ނިންމުމުގެ ސަބަބުން ސިޔާސީ ޕާޓީތަކާ ސަރުކާރާ ދެމެދު ވާހަކަ ދެކެވި، ސިޔާސީ ނުތަނަވަސްކަމަށް ހައްލެއް ލިބި ކޮމަންވެލްތުގެ ސިޔާސީ އަގުތައް ދިވެހި ރާއްޖޭގައި ކުރިއެރުމަށް އެކަށީގެންވާ މާހައުލެއް އުފެއްދުމަށް މަގުފަހިވާނެ ކަމަށެވެ،" ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ނެރުއްވި ބަޔާނުގައި ވެއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ސަރުކާރުން ހުއްދަދިނީ އިއްޔެއެވެ. ނަމަވެސް އެކަމުގައި ނަޝީދު އެދިވަޑައިގަންނަވާ ގޮތާއި ، ބަންދުގައި ތިބޭ މީހުން ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް އޮންނަ އުސޫލުތަކާ ތައާރުޒުވާތީ ނަޝީދު ހުންނެވީ އެ ދަތުރުގައި ވަޑައިގަތުން ފަސްކުރައްވައިގެންނެވެ.