އިނގިރޭސި ޕްރިމިއަ ލީގްގައި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ކާމިޔާބް ކޮށްދިން ކުޅުންތެރިއާގެ ރިކޯޑް ވޭން ރޫނީ ގާއިމް ކޮށް، ލިވަޕޫލްގެ މައްޗަށް 0-1 ގެ ނަތީޖާ އަކުން މެންޗެސްޓާ ޔުނައިޓެޑް ކުރި ހޯދައިފިއެވެ.

އެ މެޗުގައި ލިވަޕޫލް ކޮޅަށް ރޫނީ ޖެހި ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ޖުމުލަ 176 ގޯލު ކާމިޔާބް ކޮށް، ޕްރިމިއާލީގްގައި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އަށެވެ. އެ ރިކޯޑް މީގެ ކުރިން އޮތީ 175 ގޯލު ކާމިޔާބް ކޮށްގެން އާސެނަލްގެ ކުރީގެ ފޯވާޑް ތިއަރީ ހެންރީގެ އަތުގައެވެ. ރޫނީ އަށް އެންމެ ފަހުން ލިވަޕޫލް ކޮޅަށް ގޯލެއް ޖެހިފައިވަނީ މީގެ 11 އަހަރު ކުރިން 2005 ވަނަ އަހަރުއެވެ.

އިނގިރޭސި ޕްރިމިއަ ލީގްގައި ލިވަޕޫލް އާއި ޔުނައިޓެޑް ކުޅުނު މެޗުގައި ލިވަޕޫލް ކުޅުން ތެރިއަކު ޔުނައިޓެޑްގެ ގޯލަށް ބޯޅަ ފޮނުވާލާއިރު ކީޕަރު ޑެހެއާ ބޯޅަ ދިފާއު ކުރަނީ --- ފޮޓޯ: ޑެއިލީ މެއިލް

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި ޔުނައިޓެޑަށް ވުރެ ރަނގަޅަށް ކުޅެ ގިނަ ހަމާލާތައް އުފެއްދީ ވެސް ލިވަޕޫލް އިންނެވެ. ނަމަވެސް އެ ހުރިހާ ހަމަލާތަކެއް ގެ ހުރަހަކަށްވީ މެޗުގައި ހުށިޔާރު ކަމާއި އެކު ޔުނައިޓެޑްގެ ގޯލު ބެލެހެއްޓި ޑޭވިޑް ޑެހެއާ އެެވެ. އޭނާ ވަނީ ލިވަޕޫލުން ގޯލަށް އަމާޒުކޮށް ފޮނުވާލި ހަތް ހަމަލާ ވެސް ދިފާއު ކޮށްފައެވެ.

އެ ނަތީޖާއާއެކު ޔުނައިޓެޑުން ކުޅުނު 22 މެޗުން 37 ޕޮއިންޓް ހޯދައިގެން ތާވަލުގެ ފަސް ވަނާގައި އެޓީމު އޮތް އިރު ލިވަޕޫލް ވަނީ 31 ޕޮއިންޓާއި އެކު ނުވަ ވަނައަށް ވެއްޓިފައެވެ.

އިނގިރޭސި ޕްރިމިއަ ލީގްގައި ލިވަޕޫލް އާއި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ޑެއިލީ މެއިލް

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ލުއިސް ވެންހާލް ބުނީ މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލް އިން ރަނގަޅަށް ކުޅުނު ކަމުގައިވީ ނަމަވެސް ދެވަނަ ހާފްގައި އޭނާގެ ޓީމުން މެޗުތެރެއަށް ވަދެ ރަނގަޅަށް ކުޅެފައިވާ ކަމަށާއި ރޫނީގެ އެ ގޯލުން އޭނާގެ އިތުރުން މުޅި ޓީމާއި ސަޕޯޓަރުން ވެސް އުފާވާނެ ކަމަށެވެ.

"މިއަހަރު ފެށިގެން މި ލިބުނު މޮޅަކީ ވަރަށް މުހިންމު މޮޅެއް. ޖެހިޖެހިގެން ދެފަހަރު ލިވަޕޫލު ބަލިކުރެވުމުން އެކަމާއި ވެސް އުފާ ކުރަން. މި ފެށުމާއި އެކު 2016 ވަނަ އަހަރު ވެގެން ދާނީ ޔުނައިޓެޑަށް ކާމިޔާބު އަހަރަކަށް،" ވެން ހާލް ބުންޏެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ އަމިއްލަ ދަނޑުގައި މޮޅަށް ކުޅެ ބަލިވުމުން އެކަމާ ދެރަވާ ކަމަށާއި ލިވަޕޫލް ކޮޅަށް ވަން ގޯލަކީ ޑިފެންސް ލައިނަށް ހެނދުނު ގޯހަކުން ވަން ލަނޑެއް ކަމަށެވެ.

"އަހަރެމެން މޮޅަށް ކުޅެ ޔުނައިޓެޑަށް ވުރެ ގިނަ ޗާންސްތައް ތަނަވަސް ކުރިން. އަދި މި އަށް ވުރެ ވެސް ގިނަ ފުރުސަތު ތަކެއް ލިބިގެން ދިޔައީސް ކުޅުންތެރިން ރަނގަޅަށް މެޗަށް ފޯކަސް ކުރިނަމަ،" ކްލޮޕް ބުންޏެވެ.