ލީގަލް ޑޮކިއުމަންޓެއްގައި ސޮއިކުރެއްވުމަށް ރައީސް ނަޝީދުގެ އަރިހުގައި އެދިފައި ނުވާކަމަށް ބުނެ، އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ހައްދަވަނީ އިތުރުފުޅު ކަމަށާއި ކަރެކްޝަންސް އިން ހުށަހަޅާފައިވާ ލިޔުމުގައި ރައީސް ނަޝީދުގެ ފަރާތުން ސޮއިކުރެއްވުމުން އެމަނިކުފާނަށް މިހާރުވެސް ފުރާވަޑައިގެންނެވޭނޭ ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން މިހެން ބުނެފައި މިވަނީ، "ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް މިރޭ ފުރާވަޑައިގަތުން ލަސްވަނީ، އެކަމާ ގުޅޭ ލީގަލް ޑޮކިއުމެންޓްތަކުގައި ސޮއިކުރަން އެމަނިކުފާނުގެ އާއިލާ އިން ބޭނުން ނުވާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބަޔާންކުރި ކުރުމަކީ ކަނޑައެޅިގެން ކަރެކްޝަންސްއިން ހަދާފައިވާ ބުހުތާން ދޮގެއް،" ކަމަށް ބުނެ އެމަނިކުފާނުގެ އާއިލާއިން ބަޔާނެއް ނެރެފައިވަނިކޮށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އެއްވެސް ލީގަލް ޑޮކިއުމަންޓެއްގައި ސޮއި ކުރުމަށް ރައީސް ނަޝީދުގެ އާއިލާގެ ކިބައިގައި ކަރެކްޝަންސްއިންވެސް، އަދި ސަރުކާރުގެ އެހެން އިދާރާއަކުންވެސް އެދިފައެއް އަދި ޚުދް ރައީސް ނަޝީދުވެސް އެދިވަޑައިންފައި ނުވާ ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒް 'ސަން'އަށް މިރޭ ވިދާޅުވީ، ރައީސް ނަޝީދުގެ އާއިލާއިން ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. ރައީސް ނަޝީދު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް އިގުރާރެއްގައި ސޮއިކުރަން ޖެހޭ ކަމަށާއި އެއީ ބަންދުގައި ތިބޭ މީހުންނަށް އޮންނަ އާއްމު އުސޫލު ކަމަށެވެ.

"އެފަދަ ޒިންމާދާރު ބަޔަކު، ކަމުގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ދެމުންގެންދާކަމީ، އެކަމާ ކަންބޮޑުވާކަމެއް،" ރަމީޒް ވިދާޅުވިއެވެ.

"ފުރުން އޮތީ، ރައީސް ނަޝީދުގެ އަތްޕުޅުމަތީގައި. އެމަނިކުފާނު ލިޔުމުގައި ސޮއިކުރެއްވުމުން ފުރާވަޑައިގެންނެވޭ ގޮތަށް ހަމަޖެހިފައި އޮތީ."

ރަމީޒް ވިދާޅުވީ، ކަރެކްޝަނުން ސޮއިކުރުމަށް ހުށަހަޅާފައިވާ ލިޔުމަކީ ރައީސް ނަޝީދަށް ގިނިކަންޏާ ވަކިން ހާއްސަކޮށްފައި އޮތް އެއްބަސްވުމެއް ނޫން ކަމަށާއި، އާއްމުކޮށް އެއީ ހުރިހާ ގައިދީންނަށް ވެސް އޮންނަ އެއްބަސްވުމެއް ކަމަށެވެ.

"ރާއްޖޭން ބޭރުގައި ހުންނައިރުގައި ކަންތައްތައް އޮޅުން ފިލުވައިދޭނެ މީހަކާ، ވާހަކައަކީ މީހަކާ އެއްކޮށް ދިއުމާ، މިކޮޅުގައި އެމީހުންނާއި މެދު ހަބަރު ދަބަރު އަންގައިދޭނެ މީހަކު މިތާ ހުންނަން ޖެހޭނެ،" ރަމީޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަންދުގައި ހުންނަ މީހަކު ރާއްޖޭން ބޭރަށް ދަތުރުކުރުމަށް ޒިންމާ ވުމަށް ސޮއިކުރާ މީހާގެ ޒިންމާއަކީ ބޭރަށް ދިއުމަށް ފަހު އެމީހަކު ނުގެއްލޭ ގޮތަށް ހޯމް މިނިސްޓްރީއާ އެމީހަކާ ދެމެދު މުއާސަލާތު ދެމެހެއްޓުން ކަމަށެވެ.