މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ، އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ކުރީގެ ރައީސް އަދި ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމާ ބައްދަލުކުރައްވައިފިއެވެ.

ސްވަޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް މައުމޫނާ ބައްދަލުކުރައްވައި، ވާހަކަފުޅުދެއްކެވީ މޫސުމަށް އަންނަ ބަދަލުތަކާއި ދީނީ ގޮތުން ހައްދުފަހަނައަޅައިދިއުމާއި ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްވަޔާ ވަނީ ޕީޕީއެމްގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން އިދިކޮޅު އެމްޑީޕީއާއި އަދާލަތު ޕާޓީގެ ވެރިންނާ ވެސް އޭނާ ވަނީ ބައްދަލުކުރައްވާފައެވެ.

ސްވަޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

ސްވަޔާގެ ޒިޔާރަތުގައި ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް ޔާމީނާ ދެބޭފުޅުން މަޝްވަރާކުރެއްވީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިހާރުވެސް އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ދެގައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް އެ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ސްވަޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ " ކަންބޮޑުވުންތަކާއި ފުރުސަތު ތަކާ ބެހޭ ގޮތުން،" ރައީސް ޔާމީނާ ވާހަކަފުޅު ދައްކަވާފައިވާނެ ކަމަށެވެ.

ސްވަޔާ ރައީސް ޔާމީނު އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައި އޭނާއާ ބައްދަލުކުރެއްވުމަށް ރައީސް ބޭއްވެވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދާއި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުޙައްމަދު ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ.