17 Jan 2016, 20:17
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ފޭސްބުކްގައި މީރާ ލިއުއްވާފައި ވަނީ ރައީސް ނަޝީދު ޔޫކޭއަށް ފޮނުވުމަށް ސަރުކާރުން އެއްބަސްވެފައި ވަނީ އެމަނިކުފާނާއި މެދު ޒިންމާވާނެ މީހަކު ރާއްޖޭން ދެއްކުމަށް ފަހުގައި ކަމަށެވެ. އަދި އެހެން މީހަކަށް ގެއްލުމެއްވާ ގޮތަށް ވަޑައިގަންނަވާން ބައްޕާފުޅު ބޭނުންވެވަޑައިނުގަންނަވާ ކަމަށް މީރާ ލިއުއްވާފައިވާ ވެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒް ވިދާޅުވީ، ރައީސް ނަޝީދު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް އިގުރާރެއްގައި ސޮއިކުރަން ޖެހޭ ކަމަށާއި އެއީ ބަންދުގައި ތިބޭ މީހުންނަށް އޮންނަ އާއްމު އުސޫލު ކަމަށެވެ.
"...ރައީސް ނަޝީދަށް ގިނިކަންޏާ ވަކިން ހާއްސަކޮށްފައި އޮތް އެއްބަސްވުމެއް ނޫން އެ އެއްބަސްވުމަކީ. އާއްމުކޮށް ހުރިހާ މީހުންނަށް ވެސް އޮންނަ އެއްބަސްވުމެއް އެއީ. ރާއްޖޭން ބޭރުގައި ހުންނައިރުގައި ކަންތައްތައް އޮޅުން ފިލުވައިދޭނެ މީހަކާ، ވާހަކައަކީ މީހަކާ އެއްކޮށް ދިއުމާ، މިކޮޅުގައި އެމީހުންނާއި މެދު ހަބަރު ދަބަރު އަންގައިދޭނެ މީހަކު މިތާ ހުންނަން ޖެހޭނެ،" ރަމީޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބަންދުގައި ހުންނަ މީހަކު ރާއްޖޭން ބޭރަށް ދަތުރުކުރުމަށް ޒިންމާ ވުމަށް ސޮއިކުރާ މީހާގެ ޒިންމާއަކީ ބޭރަށް ދިއުމަށް ފަހު އެމީހަކު ނުގެއްލޭ ގޮތަށް ހޯމް މިނިސްޓްރީއާ އެމީހަކާ ދެމެދު މުއާސަލާތު ދެމެހެއްޓުން ކަމަށެވެ.