މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކާއި ސިޔާސީ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ސްވަޔާ ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވެފައި ވަނީ އެމްޑީޕީއާއި އަދާލަތު ޕާޓީއާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާ ބައްދަލުކުރެއްވި ކަމަށެވެ. އެބައްދަލުވުންތަކުގައި ވާހަކަ ދެއްކީ ޑިމޮކްރަސީއާ ބެހޭ ގޮތުން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެން އުޅުއްވާ ސްވަޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ފޮރިން ސެކްރެޓަރީ ޢަލީ ނަސީރާ ވެސް ބައްދަލުކުރައްވާފައެވެ.

ރައީސް ޔާމީން އަރިހަށް ސްވަޔާ މިއަދު ކުރެއްވި ޒިޔާރަތުގައި، ކަންބޮޑުވެވަޑައިގަންނަވާ ކަންތައްތަކާއި ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވާނެ ކަމަށް އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.